ޚަބަރު

ފަތުރުވެރިކަމުގެ ފުރުސަތުތައް ރާއްޖޭގެ އެކިހިސާބުތަކަށް ފުޅާކުރުން މުހިންމު - ނައިބު ރައީސް


ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގައި، މިދާއިރާގައިހުރި ފުރުސަތުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުން މުހިންމުކަމަށް ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން ބާއްވާ "ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓު އޮން ކޮމިއުނިޓީ ބޭސްޑު ޓޫރިޒަމް ސަމިޓު" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ނާއިބް ރައީސް ފައިޞަލް ނަސީމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.

އެގޮތުން ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާއިރު، މިކަމުގައި ގިނަ ގޮންޖެހުންތަކެއްވެސް ހުރިކަމަށާ، އެހެން ނަމަވެސް މި ގޮންޖެހުންތަކުން އަރައިގަތުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

"މިސިނާއަތް އިއާދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ، އަދި ރިސިލިއެންޓު އިޤްތިސާދެއް ބިނާކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައިހުރި ފުރުސަތުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރަން ޖެހޭ،" ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފާއިތުވީ 50 އަހަރުތެރޭގައި ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައިކަމަށެވެ. އަދި މިއީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމަށް ބަޔަކުކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވިދާޅުވީ، އަންނަ އަހަރު ނިމޭއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަތުރުވެރިކަމުގެ ފެސިލިޓީތައް ހުންނާނެކަމަށެވެ.

"2023ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހޮޓެލްސް، ގެސްޓުހައުސް ނުވަތަ އެހެންވެސް ފަތުރުވެރިކަމުގެ ފެސިލިޓީތައް ތަރައްޤީވެގެންދާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް،" ޑރ.މައުސޫމް ވިދާޅުވިއެވެ.

ކޮމިއުނިސީބޭސްޑު ޓޫރިޒަމާ އެކު ރާއްޖޭގެ ތިމާވެއްޓަށްވެސް އޭގެ ފައިދާ ކަމުންދާ ކަމަށާ، ރާއްޖޭގެ ކައުންސިލްތަކަށްވެސް މިއިން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑުގެ ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ބައިވެރިވުން މުހިންމުކަމަށް ޝާހިދު ވިދާޅުވިއެވެ.

ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޭޝިއާއާއި އޭޝިއާ ޕެސިފިކްގެ ބައެއް ޤައުމުތަކުގެ ވަޒީރުންނާއި ޔޫއެންޓަބްލިއުޓީއޯގެ އިސްބޭފުޅުންނާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެތެރޭގައި ހިމެނޭ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ޕެސިފިކް ޓޫރިޒަމް އޮގަރނައިޒޭޝަން (އެސްޕީޓީއޯ) އަދި އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް އޭޝިއާ ޕެސިފިކް (އޭސީއައި)ގެ އިސް ބޭފުޅުން މި ސަމިޓުގައި ބައިވެރިވެވަޑައިގަތެވެ.