ޚަބަރު

ހުއްދަނެތި މާލޭގެ މަގުތަކުގައި އިސްތިހާރު ޖަހާނަމަ ޖޫރީމަނާކުރަނީ


ހުއްދަ ނުނަގައި މާލޭގެ މަގުތަކުގައި އިސްތިހާރު ޖަހާނަމަ އެކަންކުރި ފަރާތެއް، ޖޫރިމަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ "މަގުމަތީގެ އިޢުލާނާއި އިސްތިހާރު ހަރުކުރުމާއިބެހޭ ޤަވާއިދު"ގައިވާގޮތުން ޢާންމު ތަންތަނުގައި އެއްވެސް ބާވަތެއްގެ އިޢުލާނެއް ނުވަތަ އިސްތިހާރެއް ބަހައްޓަންވާނީ ނުވަތަ ހަރުކުރަންވާނީ އެއިޢުލާނެއް ނުވަތަ އިސްތިހާރެއް ހުންނާނެގޮތް ކައުންސިލަށް ހުށައަޅައި ލިޔުމަކުން އެ ހުއްދަ ލިބިގެންނެވެ.

މި ހުއްދަ ނުނަގައި ޖަހާ އިސްތިހާރުތަކުގެ ތެރެއިން ދެފޫޓާއި ހަތަރުފޫޓަށްވުރެ ކުޑަ ސައިޒުގެ ބޯޑަކަށް 250 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ދެ ފޫޓާއި ހަތަރުފޫޓު އަދި ހަތަރުފޫޓާއި އަށް ފޫޓާއި ދެމެދުގެ ބޮޑުމިނުގެ ބޯޑަކަށް 850 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

އަދި ހަތަރުފޫޓައި އަށް ފޫޓުގެ ބޯޑަކަށް 1250 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ނަގާނެއެވެ. ދެފޫޓު ހަތަރު ފޫޓަށްވުރެ ކުދި ކަރުދާހުގައި ނޫނީ ފޮތީގައި ހަދާފައިހުންނަ އިސްތިހާރަކަށް ނަގާނީ 25 ރުފިޔާއެވެ.

މީގެ އިތުރުން ދެ ފޫޓް ހަތަރުފޫޓް އަދި ހަތަރުފޫޓް އަށްފޫޓުގައި ކަރުދާހުން ނުވަތަ ފޮތީގައި ހަދައިފައިވާ އިސްތިހާރަކުން 75 ރުފިޔާ، ހަތަރު ފޫޓަށް ވުރެ ބޮޑުކޮށް ކަރުދާހުގައި ނުވަތަ ފޮތީގައި ހަދާފައިވާ އިސްތިހާރަކުން 100 ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭނެކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވެއެވެ.