ދުނިޔޭގެ ވިޔަފާރި

އިޤްތިޞާދު ރަގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅަން ސްރީލަންކާއިން ނިންމައިފި


އިޤްތިޞާދު ރަގަޅުކުރުމަށް އާ ފިޔަވަޅުތަކެއް އަޅަން ސްރީލަންކާއިން ނިންމައިފިއެވެ.

ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާއިން އަރައިގަނެ އެ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި ލަންކާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނިތަކުން ދައްކަންޖެހޭ ސޯޝަލް ކޮންޓްރިބިއުޝަން ޓެކްސް އިން %2.5 ނެގުމާއި ސަރުކާރު އޮފީސްތަކަށް ހުކުރު ދުވަހަކީ ބަންދު ދުވަހެއްގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. ސޯޝަލް ކޮންޓްރިބިއުޝަން ޓެކްސް ނަގާނީ ކުންފުންޏަށް އަހަރަކު ލިބޭ އާމްދަނީ 120 މިލިއަން ރުޕީސްއަށް އަރާކަމުގައިވާނަމައެވެ.

އަލަށް ނަގާ މި ޓެކްސް ދައްކަންޖެހޭނީ އިމްޕޯޓު ވިޔަފާރިތަކުންނާއި، ތަކެތި އުފައްދާ ފަރާތްތަކުން، ޚިދުމަތްދޭ ފަރާތްތަކުންނާއި ހޯލްސޭލް އަދި ރީޓެއިލް ކުރާ ފަރާތްތަކުންނެވެ.
ހުކުރު ދުވަހަކީ ސަރުކާރު މުވައްޒަފުންނަށް ބަންދު ދުވަހެއްގެގޮތުގައި ހަމަޖައްސާފައިވަނީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ޕެޓްރޯލާއި ޑީސަލް އަދި އެނޫންވެސް އެފަދަ ތަކެތި ލިބުން ދަތިވުމުގެ ސަބަބުންނެވެ. ނަމަވެސް ސިއްޚީ ޚިދުމަތްތެރިންނަށާއި، ތަޢުލީމީ ދާއިރާގެ މުވައްޒަފުން އަދި ދިފާޢީ ބާރުގެ މުވައްޒަފުންނަށް ހުކުރު ދުވަސް ބަންދެއް ނުވާނެއެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިޤްޠިޞާދީ މި ކާރިޘާގެ ސަބަބުން ކާބޯތަކެތީގެ އިތުރުން ގޭހާއި، ބޭސް އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތީގެ އަގުވެސް ލަންކާގައި ވަނީ ބޮޑުތަނުން އުފުލިފައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލަންކާގެ އިންފްލޭޝަން ރޭޓު މިހާރު ވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެ، %39.1އަށް އަރާފައެވެ.

22 މިލިއަން މީހުން ދިރިއުޅޭ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާއަކީ 1948ވަނަ އަހަރު އިނގިރޭސިންގެ އަތުން އެ ޤައުމަށް މިނިވަންކަން ލިބުނު ފަހުން ދިމާވި އެންމެ ބޮޑު ކާރިޘާކަމަށް އެ ޤައުމުގެ ރައްޔިތުން ބުނެއެވެ.