ދުނިޔެ

ވިލާތުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ފައިސާތައް އަނބުރާ ރައްދުކުރަނީ


ފަލަސްތީނަށް ލިބެންޖެހޭ މާލީ އެހީގެ ތެރެއިން ވިލާތުގެ އިއްތިހާދުން ހިފަހައްޓާފައިވާ އެތައް ސަތޭކަ މިލިޔަން ޔޫރޯއެއް އެ ޤައުމަށް އަނބުރާ ރައްދުކުރަން އެ އިއްތިހާދުން ނިންމައިފިއެވެ. އީ.ޔޫ.އިން މި ކަން އިޢުލާނު ކޮށްފައި ވަނީ، ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު ޝްތައްޔާއާއި ވިލާތުގެ ޤައުމުތަކުގެ ކޮމިޝަންގެ ރައީސް އުރްސުލާ ފޮންޑެ ލަޔަން ބޭއްވެވި ބައްދަލު ކުރެއްވުމަކަށް ފަހުއެވެ.

ފަލަސްތީނުގެ ރާމަالله ގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އުރްސުލާ ފޮންޑެ ލަޔަން ވިދާޅުވީ ފަލަސްތީނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރަގަތުމުގެ ދޮރު މިއަދު ހުޅުވިފައިވާ ކަމުގައެވެ. އަދި، 2021 ވަނަ އަހަރު ފަލަސްތީނަށް އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ ވީ އެންމެ އަވަހަކަށް އެ ޤައުމަށް ރައްދު ކުރާނެ ކަމުގައެވެ.

ފަލަސްތީނަށް ލިބެންޖެހޭ އެހީގެ ފައިސާ ވިލާތުގެ އިއްތިހާދުން ހިފަހައްޓާފައި ވަނީ، ފަލަސްތީނުގެ ތަޢުލީމީ މުޤައްރަރުގައި ބޭނުން ކުރާ ޓެކްސްޓް ފޮތްތަކުގައި ލޭއޮހޮރުވުމާއި ހަމަނުޖެހުމަށް ހިތްވަރުދޭ ކަމަށް ތުހުމަތުކޮށްފައެވެ. އަދި، ޔަހޫދީންނާ މެދު ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައެވެ.

ނަމަވެސް، ފަލަސްތީނުގެ ފައިސާ އަނބުރާ އެ ޤައުމަށް ރައްދުކުރަން ވިލާތުގެ އިއްތިހާދުން ނިންމާފައި ވަނީ، ޓެކްސްޓް ފޮތްތަކަށް ބަދަލު ގެންނަން އެ ޤައުމުން އެއްބަސްވެގެން ކަން އުރްސުލާ ފޮންޑެ ލަޔަން ސާފުކޮށްދެއްވާފައެއް ނުވެއެވެ. މި ކަމާ ގުޅިގެން ޝްތައްޔާ ވަނީ ވިލާތުގެ އިއްތިހާދަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ކަމަށް ވިލާތުގެ އިއްތިހާދުން އެއްބަސްވެފައި ވަނީ އެއްވެސް ޝަރުތެއް ނެތި ކަމުގައެވެ.