ދުނިޔެ

އީރާނުން އިޓަލީއާއި އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި


އީރާނުގެ ރައީސް ޙަސަން ރޫޙާނީ އިޓަލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެދެޤައުމުގެ މަސްޢޫލުވެރިން ގިނައަދަދެއްގެ އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.މި އެއްބަސްވުންތަކުގެ މިންވަރު 18.7 ބިލިޔަން ޔޫރޯ އަށް އަރާކަމަށް އިޓަލީ ސަރުކާރުން ހާމަކުރެއެވެ. މި ދަތުރުފުޅުގައި އީރާނުގެ ރައީސް ހަސަން ރޫހާނީ ހޯމަދުވަހުވަނީ އިޓަލީގެ ބޮޑުވަޒީރު މެޓިއޯ ރެންޒީއާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައްވެސް ބާއްވާފައެވެ.ރައީސް ޙަސަން ރޫހާނީ ވިލާތަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި އިޓަލީގެ އިތުރުން ފަރަންސޭސިވިލާތަށްވެސް ޒިޔާރަތް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މިއީ ނިއުކްލިޔަރ މައްސަލާގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިފަހުން އީރާނުގެ ރައީސް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.