ޚަބަރު

ރާއްޖޭގެ ކާމިޔާބީގެ ވާހަކަތައް ޤައުމުތަކުން އެނގެން ބޭނުންވޭ - ޑރ.މަޢުޞޫމް


ކޯވިޑަށްފަހުން ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ އިހު އޮތް ޙާލަތަށް ގެންދިޔަ ކާމިޔާބު ގޮތްތަކުގެ ސަބަބުން ރާއްޖެއަކީ މިހާރު އެހެން ޤައުމުތަކުން މިސާލުނަގާ ޤައުމެއްކަމަށާ، ރާއްޖޭގެ ކާމިޔާބީގެ ވާހަކަތައް އެހެން ޤައުމުތަކުން އެނގެން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ކްރޮސް ރޯޑްސްގައި ބޭއްވި ޔޫއެންޑަބްލިއުޓީއޯގެ އޭޝިއާއާއި އޭޝިއާ ޕެސިފިކްގެ ޤައުމުތަކުގެ ވަޒީރުންގެ ވަށްމޭޒު ބައްދަލުވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން މިނިސްޓަރ ޑރ.މަޢުޞޫމް ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގައި ޤައުމުންތަކުން ރާއްޖޭގެ ކާމިޔާބީއާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރާ ކަމަށެވެ. އެގޮތުން ކޯވިޑާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އެހާބޮޑު ކުރިއެރުމެއް ލިބުނީ ކިހިނެއްތޯ ޤައުމުތަކުން ސުވާލުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖެ މީ މިހާރު ލީޑަރަކަށްވެފައިމިއޮތީ، ކޯވިޑު ޕެންޑަމިކާއި އެކު. ޓޫރިޒަމް ރިކަވަރީގައި އެހެން ޤައުމުތަށް ބެންޗުމާކުކުރާ ޤައުމެއްގެ ގޮތުގައި. އެގޮތުން ވަރަށް ގިނަ ފުރުސަތުތައް ލިބިގެންދޭ، ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތްތައް ކިޔައިދިނުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

އީޖާދީ އަދި ޑިޖިޓަލް ބަދަލުތަކުގެ އެހީގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަޒީރުންގެ ވަށްމޭޒު ބައްދަލުވުމުގައި، މެލޭޝިއާ، އިންޑޮނޭޝިއާ، ޖަޕާން އަދި ޓިމޯލެސްޓޭގެ ވަޒީރުން ފެންވަރުގެ ބޭފުޅުން ވަނީ ބައިވެރިވެވަދައިގެންފައެވެ.

ވަށްމޭޒު ބައްދަލުވުން ފަށްޓަވައިދެއްވައި، ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޯވިޑާއެކު ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމުގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

" ޔޫއެންޑަބްލިއުޓީއޯގެ ބޭނުމަކީވެސް ޤައުމުތައް ގުޅުވާލުން. ޤައުމުތަށް ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ފުރުސަތުތައް ފަހިކޮށްދިނުން. މިކަންތައްތައް ހާސިލްކުރެވޭނީވެސް ޤައުމުތަކުން އެކުގައި މަސައްކަތްކޮށްގެން." ޒޫރަބް ވިދާޅުވިއެވެ.

މި ވަށްމޭޒު ބައްދަލުވުމުގެ ބައިވެރިންވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިކަން އިތުރަށް އިސްތިހާރުކޮށް ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި ޔޫއެންޓަބްލިއުޓީއޯގެ އިސްބޭފުޅުންނާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެތެރޭގައި ހިމެނޭ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ޕެސިފިކް ޓޫރިޒަމް އޮގަރނައިޒޭޝަން (އެސްޕީޓީއޯ) އަދި އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް އޭޝިއާ ޕެސިފިކް (އޭސީއައި)ގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.