ދުނިޔެ

ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަންނަ ހުކުރު ދުވަހު ފަށަނީ


ލަސްވެފައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް މިމަހުގެ ނަވާވީސްވާ ހުކުރުދުވަހު ޖެނީވާގައި އަލުން ފެށުމަށް މަސައްކަތް ކުރަމުން ގެންދާކަން އދ. ން ހާމަކޮށްފިއެވެ.އދ. ން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ޑެމިސްޓޫރާ ވިދާޅުވީ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް މިމަހުގެ ނަވާވީސްވާ ހުކުރުދުވަހު ޖެނީވާގައި އަލުން ފެށުމަށް މަސައްކަތް ކުރަމުން ގެންދަނީ އެއްވެސް ޝަރުތަކާނުލައި ކަމަށެވެ.މިވާހަކަތަކަށް ހާޒިރުވުމުގެ ދައުވަތު ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގާރަދުވަހު ފޮނުވާނެކަމަށް ޑެމިސްޓޫރާ ވިދާޅުވިއެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިވާހަކަތަކުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން އަދި ދީފައެއްނުވެއެވެ.ސުލްޙައިގެ މިވާހަކަތަކުގެ ބޭނުމަކީ ސޫރިޔާގައި ހިނގާ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމާއި ވަކި މުއްދަތެއް ވަންދެން ސޫރިޔާގައި ވެރިކަން ކުރުމަށް އިންތިގާލީ ސަރުކާރެއް އެކުލަވާލުމެވެ. މިމަހުގެ 25 ވަނަ ދުވަހު މިވާހަކަތައް ފެށުމަށް ހަމަޖައްސާފައިވީނަމަވެސް އެތާރީޚުގައި ވާހަކަތައް ފެށޭގޮތްވަނީ ނުވެފައެވެ.