ޚަބަރު

އަހަރުތަކެއްވަންދެން ރައްޔިތުން އެދިއެދި ތިބި ފެނާއި ނަރުދަމާގެ ނިޒާމު ހޯނޑެއްދުއަށް


ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމާއި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވުމަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ސިއްޙީ އަދި ތިމާވެށީގެ މައްސަލައެކެވެ. މިމައްސަލައަށް ދާއިމީ ޙައްލެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން މަސައްކަތް މިހާރު ކުރިއަށްދާ އެއްރަށަކީ ގދ.ހޯނޑެއްދޫއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2023ގެ ނިޔަލަށް ރައްކާތެރި ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މީގެ ދަށުން ހޯމަ ދުވަހުވަނީ ގދ.ހޯނޑެއްދޫގައި ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތްފަށާފައެވެ. މި މަޝްރޫޢާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޯނޑެއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވާރިޝް ވިދާޅުވީ މިއީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމަށެވެ.

ސަބަބަކީ ފެން ފަށަލަ ހަލާކުވުމުގެ ސަބަބުން ރައްޔިތުންގެ ހިފާގެންގުޅޭތަކެތިވެސް ހަލާކުވަމުންދާކަމަށެވެ. އަދި ރައްކާތެރި ނަރުދަމާއެއް ނެތުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި ޖަންކްޝަން މައްސަލަ ކުރިމަތިވެ ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާކަމަށް ވާރިޝް ވިދާޅުވިއެވެ.

ރައްޔިތުންގެ އަތުން ބޮޑު ޚަރަދެއް ހިނގަމުން އަންނަ މިމަސައްލައަށް އެދެވޭ ޙައްލެއް ލިބޭނެކަމުގެ އިންތިޒާރުގައި ތިބި ހޯނޑެއްދޫގެ ރައްޔިތުންގެ އުއްމީދު ޙަގީގަތަކަށްވުމުގެ ވަގުތުވަނީ ކައިރިވެފައެވެ.

ހޯނޑެއްދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ފެނުގެ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައެވެ. އެގްޒިމް ބޭންކުގެ ފަރާތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ އެޤައުމުގެ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސްއާއެވެ. އަދި މިމަޝްރޫޢުގެ ދިވެހި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަނީ ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސްއެވެ. 4.9 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރަށް މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ
އަހަރުގެ މާޗް މަހުގައެވެ.