ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް ދިން މުއްދަތު މިރޭގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.
މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީތަކުން މުއްދަތު އިތުރުކޮށް ދެއްވުމަށް އެދުމުން، މުއްދަތު އިތުރުކޮށްފައިވަނީ މިރޭ 22:00 ގެ ނިޔަލަށެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން މިމުއްދަތު ދީފައިވަނީ މިއަދުގެ 14:00 ޖެހުމާ ހަމައަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެމްބަރުން އެޕާޓީއެއްގައި ތިބެގެންނެވެ. އެހެންނަމަވެސް ޤާނޫނުގައިވާ ގޮތަށް 3000 މެންބަރުންގެ ސޮއިއާއިއެކު ޕާޓީ ރަޖިސްޓްރީ ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ ޕާޓީން މެންބަރުން ވަކިވުމުގެ ސަބަބުން 4 ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފައެވެ.
އެގޮތުން ނޯޓިސް ފޮނުވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއް ޕާޓީކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)ގެ އިތުރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އެވެ.
މީގެ ތެރެއިން އެމްއާރުއެމްއާއި، އެމްޓީޑީން މެމްބަރުންގެ އަދަދު ހަމަކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީތަކަށް އަންގާފައެވެ. މިހާތަނަށް ބޭނުންވާ އަދަދަށް ފޯމް ހުށައަޅާފައި ނުވަނީ ޑީއާރުޕީންނާއި އެމްއެލްއެސްޑީ ޕާޓީންނެވެ. އިލެކްޝަން ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމްއެލްއެސްޑީގައި ތިބީ 2725 މެންބަރުންނެވެ. ޑީއާރުޕީގައި ތިބީ 2280 މެންބަރުންނެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެންބަރުން ތިބިގޮތައް ބަލާއިރު ޤާނޫނުގައި ބުނާ އަދަދަށް ފައިސާ ދޫކުރުމުގެ އަދަދަށް މެމްބަރުން ހަމަވަނީ 4 ޕާޓީއެއްގައެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.