ޚަބަރު

ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ މުޅި ރަށުން ކަރަންޓް ކެނޑިއްޖެ


ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ މުޅި ރަށުން ކަރަންޓް ކަނޑައިގެން ހިނގައެއްޖެއެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިންޖީނުގޭގައި ރޯވީ މިރޭ މެންދަމު 02:30 ހާއިރު ކަމަށެވެ. " ތިނަދޫ އިންޖީނުގޭގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި. ނަމަވެސް އަލިފާނުގެ އަސަރު އެސަރަހައްދުގައި ކޮންމެވެސް ވަރަކަށް އެބަހުރި." ތިނަދޫ ކައުންސިލްގެ ރައީސް.މިހާދިސާގައި މުޅި ރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވާއިރު، މިޙާދިސާގައި އެއްވެސް މީހަކަށް އަދި އިންޖީނުގެ އާއި އެތަނުގައި ހުރި ތަކެތި ފިޔަވައި އިތުރު އެހެން ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި ފުލުހުންގެ ތަޙުޤީޤު ޓީމާއި ފޮރެންސިކް ޓީމުން މިހާދިސާ ތަޙުޤީޤު ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.ޕީއެސްއެމާއި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ އިންޖީނުގޭގައި ހުރި 3 އިންޖީނު އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށާއި ތިނަދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައީ 600 ކިލޯވޯޓާއި 720 ކިލޯވޯޓާއި އަދި 1,000 ކިލޯވޯޓުގެ 3 ޖަނަރޭޓަރު ކަމަށެވެ. މިދަނޑިވަޅުގައި ތިނަދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.އިންޖީނުގެ އަނދައި ހުލިވުމުގެ ސަބަބުން ތިނަދޫގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓުން ފެން އުފެއްދުން ވަނީ ހުއްޓިފައެވެ. މިހާރު އެރަށުން ފެން ދޫކުރަނީ ކޮންޓްރޯލް ކޮށްގެންނެވެ. ތިނަދޫގައި ހުންނަ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިވަގުތު ވަގުތީ ގޮތުން ކަރަންޓް ފޯރުކޮށްދެމުން އަންނަނީ 2 ކިލޯވޯޓުގެ ޖަނެރޭޓަރަކުންކަމަށާއި، 7 ބަލި މީހުން ތިބިއިރު، އެ އެންމެން އެއްވޯޑަކަށް ބަދަލުކޮށް ފަރުވާދެމުން އަންނަކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ލިބެއެވެ.ތިނަދޫގެ އާބާދީގައި އަށްހާހެއްހާ މީހުން ދިރިއުޅެއެވެ.