ޚަބަރު

ބޮޑު އީދު ބަންދުތެރޭ ބޭންކުތައްވެސް ހަފްތާއަކަށް ބަންދުވާނެ: އެމްއެމްއޭ


ކުރިއަށް އޮތް އަޟުޙާ ޢީދު ބަންދުގައި ބޭންކުތައްވެސް ބަންދުވާނެ ކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ އަންނަމަހުގެ 10 އިން 14 އަށް ސަރުކާރު ބަންދުވުމާއި ގުޅިގެން، މި ދުވަސްތަކުގައި އެމްއެމްއޭ އާއި ބޭންކުތައް ބަންދުވާނެ ކަމަށެވެ. އާއްމުގޮތެއްގައި ޢީދު ބަންދުފަދަ ދިގު ބަންދުތަކުގެތެރެއިން ކޮންމެވެސް އެއްދުވަހެއްގައި ބޭންކުތައް ހުޅުވައިގެން ޚިދުމަތްދެއެވެ.

އެމްއެމްއޭއިން ވިދާޅުވީ، ސެލްފް ސަރވިސް އޭޓީއެމްތަކާއެކު މިހާރު ބޭންކިންގ ޚިދުމަތް ހޯދުމަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ޢީދު ބަންދުތައް ފަދަ ބަންދުތަކުގައި، ބޭންކުތައް ބަންދުކޮށްފައި ހުރި ނަމަވެސް އާއްމުންނާއި ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ހޯދުމަށް އެހާ ބޮޑު ދަތިތަކެއް ކުރިމަތިނުވާނެކަމަށެވެ.

އެމްއެމްއޭއިން ވިދާޅުވީ، ކުރިއާލާ ބޭންކުތައް ބަންދުވާނެކަން އާއްމުންނަށް އަންގާފައިމިވަނީ ޗުއްޓީތައް ޕްލޭންކުރުމުގައި މިކަމަށް ސަމާލުވުމަށް ވަގުތު ދިނުމަށް ކަމަށެވެ.