ވިޔަފާރި

ކުންމިން ފެއާގައި ބައިވެރިވުމަށް ވިޔަފާރިވެރިންގެ ބޮޑު ތަރުޙީބެއް


ކުންމިން ފެއާގައި އުފެއްދުންތައް ބައިވެރިކުރުމަށް ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރިން ޝައުޤުވެރިކަން ފާޅުކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރ އޮފް އިކްނޮމިކް ޑިވެލޮޕްމަންޓްގެ ނާއިބު އާދަމް ތަޢުފީޤު ވިދާޅުވީ މި ފެއާއާބެހޭ މަޢުލޫމާތު ހޯދުމަށް ވަރަށް ގިނަ ވިޔަފާރިވެރިންނާއި އުފެއްދުންތެރިން އެމިނިސްޓްރީއަށް ގުޅަމުންދާކަމަށެވެ.މިފަދަ ފެއާއެއްގައި ބައިވެރިވުމަކީ ވިޔަފާރިވެރިންނާއި އުފެއްދުންތެރިންނަށް އެފަރާތްތަކުންގެ އުފެއްދުންތައް ބޭރުގެ ފަރާތްތަކަށް ތަޢާރަފްކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތެއްކަން ފާހަގަކުރައްވައި އާދަމް ތައުފީޤު ވިދާޅުވީ މި ފެއާގައި އުފެއްދުންތައް ބައިވެރިކުރަން އެދޭ ފަރާތްތަކުން، އެންމެ ފަހު ވަގުތަށް މަޑުނުކޮށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ތަކެތީގެ ސާމްޕަލް އެމިނިސްޓްރީއަށް ހުށަހެޅުން މުހިންމު ކަމަށެވެ.ފެއާގައި ބައިވެރިކުރާ ތަކެތި އެމިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައިގަނޑު ސަބަބަކީ ކުންމިން ފެއަރއަކީ ރާއްޖެއިން ބޭރުގައި އޮންނަ ފެއަރއަކަށްވެފައި، ފެއަރގައި ބައިވެރިކުރާ ތަކެއްޗަކީ ވަކި މިންގަނޑެއްގައި އުފައްދާ ބަންދުކުރެވިފައިވާ ތަކެތިކަމުގައި ހެދުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.ރާއްޖޭގެ އުފެއްދުންތެރިކަން އިޝްތިހާރުކުރުމަށް ޗައިނާއިން އެހީތެރިވަމުންދާކަން ފާހަގަކުރައްވައި އިކްނޮމިކް މިނިސްޓްރީން ވިދާޅުވީ ޗައިނާގެ ހުރިހާ ޓީވީ ޗެނަލްތަކެއްގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށެވެ.ކުންމިން ފެއާއަކީ މިއަހަރުގެ ޖޫންމަހު ޗައިނާގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެއާއެކެވެ.