 
										
			ފުވައްމުލަކު ހުކުރު މިސްކިތު އާސާރީ ގަބުރުސްތާނަށް ބަޔަކު ގެއްލުންދީފިއެވެ. ނެޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން ވިދާޅުވީ މި މައްސަލަ ފުލުހަށްވެސް ހުށައަޅާފައިވާކަމަށެވެ. 
2019ވަނަ އަހަރު ތަސްދީޤުކުރި ދިވެހިރާއްޖޭގެ ސަޤާފީ ތަރިކައިގެ ޤާނޫނުގައި، ތަރިކައަށް ގެއްލުންދިނުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ. އަދި އެއީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކަނޑައެޅުމުގެ އިތުރުން، ޖިނާޢީ ދަޢުވާވެސް ކުރެވޭނެ ކުށެއްގައި ގޮތުގައިވަނީ ކަނޑައަޅާފައެވެ. 
ފުވައްމުލަކު ހުކުރު މިސްކިތު ގަބުރުސްތާނަކީ، މިހާރު ރާއްޖޭގައި ފެންނަންހުރި އާސާރީ ގަބުރުސްތާނުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ގަބުރުސްތާނެވެ.  
ގަބުރުސްތާނަށް ދިން ގެއްލުމުގެ ތެރޭގައި 2 މަހާނަގަލެއްވަނީ ބިންދާލާފައެވެ. ކަލްޗަރަލް ހެރިޓޭޖުން ވިދާޅުވީ ގެއްލުން ދިން މަހާނަ ގަލުގެ ތެރޭގައި ރަށުގެ ރަސްރަސްކަލުންނަށް ނިސްބަތްވާކަމަށް ބެލެވޭ މަހާނަގާވެސް ހިމެނޭކަމަށެވެ. އެއީ ބޮޑުމިނުގައި 4 ވަރަކަށް ފޫޓު ހުންނަ ގަލެވެ. މި ގައުތައް ހަދާފައިވަނީ ހިރިގަލުންނެވެ. އަދި ގައުތަކުގައި އަރަބިން ލިޔެފައިވާ ކެލިގްރަފީގެ ލިޔުންތައް ވެއެވެ. އެއީ ޤުރުއާނުގެ އާޔަތްތައް ކަމަށް ބެލެވޭތީ އެކަންވެސް ބަލަމުން އަންނަކަމަށް ކަލްޗަރަލް ހެރިޓޭޖުން ވިދާޅުވެއެވެ. އަދި މީގެއިތުރުން ދިވެހިންގެ ހިރިގަލު ވަޑާމުގެ ފަރުމާތައްވެސް މި ގައުތަކުން ފެންނަން އެބަހުއްޓެވެ.
		
ފުވައްމުލަކު ހުކުރު މިސްކިތު އާސާރީ ގަބުރުސްތާނުގެ ދުވަސްވީ ގާތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދިން މައްސަލަ މިމަރުކަޒުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެމައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައި. އަދި މިކަމާގުޅޭ އިތުރު މައުލޫމާތު ފޮނުއްވުމަށް @FVMCouncilގަ ދަންނަވާފައި pic.twitter.com/07SEpQ3fQd
— National Centre for Cultural Heritage (@HeritageMv) June 13, 2022
			މި މައްސަލަ ރާއްޖޭގެ ތަރިކައިގެ ޤާނޫނުގެދަށުން، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުންނެވެ. 
ޤާނޫނު ބުނާގޮތުން ތަރިކައަށް ގެއްލުން ދިނުމުގެ ކުޑަބޮޑު މިނަށް ބަލާ 10000 ރުފިޔާއާއި، 1000000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިގެންވެއެވެ. ލިބުނު ގެއްލުމުގެ ކުޑަބޮޑުމިން ދެނެގަތުމުގެ މަސައްކަތް ޤައުމީ ތަރިކަ ކޮމިޓީން ވަނީ ފަށާފައެވެ.  
އަދި ފުލުހަށް މައްސަލަ ހުށައަޅާ، ޖިނާޢީ ދަޢުވާ ކުރުމަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ވަނީ ފުލުހަށްވެސް ހުށައަޅާފައެވެ.
		
 
										
			މި ހާދިސާ ހިންގާފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ކަލްޗަރަލް ހެރިޓޭޖުން ވިދާޅުވީ، ލިބުނު ގެއްލުމުގެ ތަފްސީލް އިތުރަށް ދެނެގަތުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ކުރަމުންދާކަމަށެވެ. 
ފުވައްމުލަކު ސިޓީގެ ހަވިއްތައަށް ގެއްލުން ދިނުމުގެ މައްސަލައެއްވެސް، ބޮޑު މައްސަލައެއްގެ ގޮތުގައި ކަލްޗަރަލް ހެރިޓޭޖުން ދަނީ ބަލަމުންނެވެ.