ދުނިޔެ

ރަޝިޔާއިން ޚާކިވްގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގާފައިވޭ: އެމްނެސްޓީ


ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ޚާކިވްގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް އިންސާނީ ޙައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއް ކަމުގައިވާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން މި ވަނީ ބުނެފައެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމައިގައި އެ ޤައުމުގެ އިރުމަތީގައިވާ ޚާކިވްއަށް ދިން ހަމަލާތަކުގައި "ކްލަސްޓަރ" ބޮމާއި މައިން ފަދަ، ހަނގުރާމަތަކުގައި ބޭނުންކުރުން މަނާ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ތުހުމަތު ކުރެއެވެ. މިފަދަ ހަތިޔާރު ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އެމްނެސްޓީން ބުނީ، ޚާކިވްގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ޢާންމުންގެ އެތައް ސަތޭކަ ބަޔަކު މަރާލާފައިވާ ކަމުގައެވެ.

ޚާކިވްއަކީ ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އެންމެ ފުރަތަމަ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޚާކިވްއަށެވެ. އަދި، އެ ރަށުގެ ބޮޑު ބައެއް ރަޝިޔާ ސިފައިންގެ އަތް ދަށަށް ގެންދިޔައެވެ. ނަމަވެސް، މޭ މަހުގެ ތެރޭގައި ޔޫކްރެއިންގެ ސިފައިން ވަނީ އެ ސިޓީ މިނިވަން ކޮށްފައެވެ. ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ޚާކިވްގެ ރައްޔިތުންގެ ތެރެއިން 606 މީހަކު މަރާލާފައިވާ ކަމަށާއި، 600,000 އަށްވުރެ ގިނަ މީހުންގެ އެ ރަށުން ސަލާމަތް ކުރަން ޖެހުނު ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.

ރަޝިޔާ ސިފައިން ޚާކިވްގައި ހިންގާފައިވާ އިންސާނިއްޔާތާ ޚިލާފު ޖަރީމާތައް ތަހުޤީޤުކޮށް އެ ކަމާ ގުޅޭ ރިޕޯޓެއް ޢާންމުކޮށްފައި މި ވަނީ 14 ދުވަހުގެ ތަހުޤީޤަކަށް ފަހުއެވެ. އެ ޖަމުޢިއްޔާގެ ރިޕޯޓުގައި ބުނެފައި ވަނީ، ރަޝިޔާއިން އެ ސިޓީގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް "ކްލަސްޓަރ" ބޮމާއި މައިން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގެ ހެކި ހޯދާފައިވާ ކަމުގައެވެ.

ހަނގުރާމަތަކުގައި ބޭނުންކުރުން މަނާ ހަތިޔާރު ޔޫކްރެއިންގެ ޢާންމުންނާ ދެކޮޅަށް ރަޝިޔާއިން ބޭނުންކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ މެދު ވަކި އެއްޗެއް ބުނަން ރަޝިޔާއިން ދަނީ ފަސްޖެހެމުންނެވެ. ނަމަވެސް، ގަސްދުގައި ޢާންމުންނަށް ހަމަލާތައް އަމާޒުކޮށްފައި ނުވާނެ ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އަދި، ޔޫކްރެއިންއިން މަސައްކަތް ކުރަމުން ދަނީ ހަނގުރާމައިގެ ހަޤީޤަތް އޮޅުވައިލުމަށް ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ.

ކްލަސްޓަރ ބޮން ފަދަ ހަތިޔާރު ބޭނުން ކުރުން މަނާކުރާ ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ރަޝިޔާއާއި ޔޫކްރެއިން ވެސް އަދި މިހާތަނަށް ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، ޢާންމުންނާ ދެކޮޅަށް މިފަދަ ހަތިޔާރު ބޭނުން ކުރުމަކީ ކުށެކެވެ. ރަޝިޔާއިން ކްލަސްޓަރ ބޮން ބޭނުންކޮށްފައިވާ ކަން ސާބިތުވާ ހެކިތަކުގެ ތެރެއިން، އެ ސިޓީގައި ހުންނަ ކުޑަކުދިންގެ ޕާކަކަށް ދިން ހަމަލާއެއް އެމްނެސްޓީއިން ފާހަގަކުރެއެވެ. އެ ހަމަލާގައި ޢާންމުންގެ ނުވަ މީހުން މަރުވެ، އިތުރު 35 މީހަކު ޒަޚަމްވި ކަމަށް އެ ޖަމުޢިއްޔާގެ ތަހުޤީޤަށް ވަނީ ހޯދައިފައެވެ.