ޚަބަރު

ސަލްޓަން ޕާކްގެ އައު ކޮންސެޕްޓް ޑިޒައިން އިފްތިތާޙުކުރައްވައިފި


ސަލްޓަން ޕާކް އަލުން ތަރައްޤީކުރުމަށް އެކުލަވާލާފައިވާ ކޮންސެޕްޓް ޑިޒައިން އިފްތިތާޙުކުރައްވާ، ޕާރކް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހައުސިންގ މިނިސްޓްރީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.ސަލްޓަން ޕާރކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާޙީމް އަބްދުއް ރައްޒާޤު ހަލީމެވެ. އަދި މި މަޝްރޫޢުގެ ޑިޒައިން ކޮންސަލްޓެންސީ  ދިނުމަށް ޙަވާލުކުރައްވާފައިވަނީ ހޮޓެލް ރިސޯޓްސް އެންޑް ކޮންސްޓްރަކްނާއެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ ޗެއާރމަން މުޙައްމަދު އަލީ ޖަނާހެވެ.ސަލްޓަން ޕާރކް ތަރައްޤީކުރުމުގެ ޕްލޭންގައިވާ ގޮތުން، އެތަން ތަރައްޤީކުރަނީ، އެތަނުގައި، ސްނޯފައިބާ ގޮތަށް ވިންޓާ ކޯނާއަކާއި، ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭ ޕާކަކާއި، ފެންއަރުވާ ވަޑަމާކާ، ގްރީން ޓަނަލް ވޯރކްވޭއަކާއި، ފިނިފެންމާ ބަގީޗާއެއްވެސް ހިމެނޭ ގޮތަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިނގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަލްޓަން ޕާރކް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ރައީސުލުޖުމްޙޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ތަރައްޤީ ކުރާ ތަފާތު ޒަމާނީ ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ޕާކެއް ކަމަށެވެ. އަދި ސަލްޓަން ޕާރކް ތަރައްޤީކުރާއިރު އެތަނުގައި ހުރި ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅު އޭގެ އަސްލު ނުގެއްލޭ ގޮތަށް ތަރައްޤީކުރުމަށް މި ޕްލޭންގައި ހިމަނުއްވާފައިވާ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، މާލެއަކީ ވެރިކަންކުރާ ރަށްކަމަށްވުމާއެކު ވެރިކަންކުރާ ރަށެއްގައި ހުންނަންޖެހޭ ތަރައްޤީ މާލެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އިޤްތިސާދީ ގޮތުން ރާއްޖެ ކުރިއަރައިގެންދާއިރު، އިޖުތިމާޢީ ގޮތުން ހިތްފަސޭހަކޮށްލާނެ ތަންތަން ތަރައްޤީކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމެއް ކަމަށެވެ. އަދި ސަލްޓަން ޕާރކް ތަރައްޤީކުރަނީ އެތަނުގައި ހުރި ދުވަސްވީ ގަސްތަކަށް ގެއްލުންނުވާ ގޮތަށް ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.މިމަޝްރޫޢު ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އިބްރާޙީމް އަބްދުއް ރައްޒާޤު ހަލީމް ވިދާޅުވީ، މިމަޝްރޫޢުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާރކްގައި ހުރި އުސްކެގޮޅުގެ އާބާތުރަ ފިލުވާ މަރާމާތު ކުރުމުގެ މަސައްކަތް ކަމަށެވެ.މިމަޝްރޫޢުގެ ޑިޒައިން ކޮންސަލްޓެންސީ ދިނުމަށް ހަވާލުކޮށްފައިވާ، ހޮޓަލެސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާރމަން މުޙައްމަދު ޖަނާހު ޢަލީ ވިދާޅުވީ، މި މަޝްރޫޢުގެ ކޮންސަލްޓެންސީ އެކުންފުނިން ހަދައިދިނީ ހިލޭ ސާބަހަށް ކަމަށެވެ.ސަލްޓަން ޕާރކް ތަރައްޤީކުރާއިރު ތިމާވެއްޓާއި ރައްޓެހި ބޮކިތަކެއް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، މި ބޮކިތަކުގެ ދިއްލުން ޑިޒައިން ކޮށްފައިވަނީ ދިވެހިންގެ ޤަދީމީ ޒަމާނުގެ ލިޔުންތައް ސިފަވާގޮތަށެވެ.