ޚަބަރު

ކަންބޮޑުވުމަކީ ރާއްޖޭގެ އިޤްތިޞާދާމެދު ފަތުރާ ދޮގު ވާހަކަތައް - ފައްޔާޟު


ރާއްޖޭގެ ކިބާގައި ދަރަނި އަދާކުރެވޭނެކަމުގެ ޤާބިލްކަމެއް ނެތްކަމަށް ބުނެ ދެކެވޭ އެއްވެސް އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ފަސްޖެހޭކަމަށާ، މިއީ ވަރަށްބޮޑު ކަންބޮޑުވުމެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޟު އިސްމާޢީލް ވިދާޅުވީ ދަރަނި އަދާ ކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑު ކަންބޮޑުވުމަކީ ޤައުމު ބަނގުރޫޓުވަނީއޭ ކިޔައިގެން ނުވެސް ނެތް ޙާލަތެއް އުފައްދައި އެވާހަކަ ދެއްކުންކަމަށެވެ.

"ބަޔަކު ނިކުމެ ދެ މިނެޓުން އެއް މިނެޓުން ޤައުމު ދަރަނީއޭ ޑިސްޓްރެސްއޭ، ލޯނެއް ނުދެއްކޭނެއޭ، އެއްވެސް އަސާސެއް ނެތި ދެއްކީމާ އޭގެ އަސަރު އެބަ ކުރޭ. އިންވެސްޓް ކުރަން ތިބި ފަރާތްތަކުން ފަހަތަށް އެބަޖެހޭ. މިއީ އެންމެ ބޮޑު ގޮންޖެހުމަކީ އިގްތިސާދަށް އޮތް.،" މިނިސްޓަރު ފައްޔާޟު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޟު ވަނީ ރާއްޖޭއޮތީ ދަރަނި ނުދެއްކޭވަރުގެ ޙާލަތެއްގައި ނޫންކަމަސް ސަރުކާރުން ވިދާޅުވަމުންދާ ވާހަކަ ތަކުރާރު ކުރައްވާފައެވެ. ތަފާސްހިސާބުތައް ހުންނާނީ ޢާއްމުކޮށް ފެންނަންކަމަށާއި ރާއްޖޭގެ އިގްތިސާދުއޮތީ ރަނގަޅު ޙާލަތެއްގައިކަމަށް ވެސް ފައްޔާޟު ވިދާޅުވިއެވެ.

ހަގީގަތެއްނެތް ވާހަކަތައް ދައްކާ މީހުން ރަނގަޅަށް ތަފާސްހިސާބުތައް ބެލުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

"ދަރަންޏަކީ ނަގަން ޖެހޭ އެއްޗެއް. ދަރަނި ނަގައިގެން ދަރަނިން ޤައުމުގެ ކުރިއެރުމަށް ކުރަން ޖެހޭ ކަންކަން ކުރަން ޖެހޭ. އެ ކުރެވުނު ކަންތައްތަކުގެ ސަބަބުން މިއަދު އަޅުގަނޑުމެންގެ އިޤްތިސާދު ވަރަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރަމުން މިދަނީ،" ފައްޔާޟު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ދަރަނި އަދާކުރުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި، މިހާރު ކުރިއަށްދާ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލުގެއަގަށް އަންނަ ބަދަލުތައް ހިމެނޭކަމަށެވެ. މިފަދަ ކަންކަމަކީ އޭގެ ޒާތުގައި ސަރުކާރުގެ ފަރާތުން މާބޮޑު ކަމެއް ކުރެވޭނެ ކަމަކަށް ނުވިޔަސް، ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންނަށް އޭގެ ތަކުލީފު ކުޑަކުރަން މަސައްކަތް ކުރާނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.