ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަހަރުގެ މޭމަހު އެންމެ ގިނައިން ދަޢުވާކުރަން ކޯޓުތަކަށް ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައްކަމުގައި އެ އޮފީހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕީޖީ އޮފީހުން، މެއި މަހު 185 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވެއެވެ. އޭގެތެރެއިން 108 މައްސަލައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. މިއީ ހުށަހެޅި ޖުމުލަ މައްސަލަތަކުގެ %58އެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންއަންނައިރު މިދިޔަމަހު ދެވަނައަށް އެންމެގިނަ ދަޢުވާ ހުށަހަޅާފައިވާ ޑްރަގްކޯޓުންވަނީ މަސްތުވާތަކެއްޗާބެހޭ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން ޖުމްލަ 76 މައްސަލައެއްބަލައި ނިންމާފައެވެ.