 
										
			މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 
ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން ނެރެފައިވާ "ޓޫރިޒަމް އަޕްޑޭޓު" ރިޕޯޓުގައިވާގޮތުން ރާއްޖެއަށް މިހާރު އެންމެގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. އެގޮތުން މިމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 104800 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. 
މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %14.3އެވެ. އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. މިދިޔަ އަހަރުތެރޭގައިވެސް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެހެން ނަމަވެސް މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ.
		
			އޭފްރީލްމަހުގެތެރޭ ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެއްގެ ގޮތުގައި އިނގިރޭސިވިލާތްވެސް އޮތެވެ. އެހެންނަމަވެސް އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކީ މިހާރު އިންޑިއާއެވެ. 
އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އަންނައިރު އެޤައުމާއި ރާއްޖެއާ ދެމެދު ގިނަ އެއަރލައިންތަކަކުން ދަނީ ދަތުރުތަށް ބާއްވަމުންނެވެ. އެގޮތުން ވިސްތާރާ އެއަރލައިން، އެއަރ އިންޑިއާ، ގޯ އެއަރލައިން އަންނަނީ ރާއްޖެއަށް ދަތުރުތަށް ބާއްވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައްދައްކާގޮތުން، 90394 ފަތުރުވެރިންނާއި އެކު، ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ އަދަދަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އަދި 70212 ފަތުރުވެރިންނާއި އެކު ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ.