ދުނިޔެ

އެމޭޒަން ޖަންގައްޔަށް ގެއްލުނު އިނގިރޭސި ނޫސްވެރިޔާ އަދިވެސް ނުފެނޭ


އެމޭޒަން ޖަންގައްޔަށް ގެއްލުނު އިނގިރޭސި ވިލާތުގެ ނޫސްވެރިއެއް ކަމުގައިވާ ޑޮމް ފިލިޕްސް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އޭނާއާ އެކު ގެއްލުނު އިތުރު މީހެއް ކަމުގައިވާ ބްރޫނޯ ޕެރޭރާގެ ބައެއް ތަކެތި ފެނިއްޖެއެވެ. ޕެރޭރާއަކީ އެމޭޒަން ޖަންގަލީގައި އަމިއްލައަށް ވަކިވެގަނެގެން އުޅޭ ގަބީލާތަކުގެ މީހުންގެ ދިރިއުޅުން ދިރާސާކުރާ މާހިރެކެވެ.

ފިލިޕްސްއާއި ޕެރޭރާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޕެރޭރާ ގެންގުޅުނު ކަމަށް ޤަބޫލު ކުރެވޭ ދަބަހަކާއި އަންނައުނާއި ލެޕްޓޮޕެއް މިހާރު ވަނީ ފެނިފައެވެ. މީގެ އިތުރުން އެހެން ސަރަޙައްދަކުން ޕެރޭރާގެ އަންނައުނުތަކެއް ފެނިފައިވާ ކަމަށް ވެސް، އެ ދެ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުންޏެވެ.

ފިލިޕްސްއަކީ އިނގިރޭސި ވިލާތުގެ ނޫހެއް ކަމުގައިވާ "ގާޑިއަން" އަދި އެމެރިކާގެ ނޫސް "ވޮޝިންގްޓަން ޕޯސްޓަށް" ލިޔާ ފްރީލާންސް ނޫސްވެރިއެކެވެ. އޭނާއާއި ޕެރޭރާ ގެއްލިފައި ވަނީ ޕެރޫއާއި ކޮލަމްބިޔާ ގުޅޭ ޖަންގަލީގެ ސަރަޙައްދުގައި ދިރިއުޅޭ ގަބީލާތަކުގެ މީހުންނާ ގުޅޭ ގޮތުން ރިޕޯޓުތަކެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ސަރަޙައްދަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކާޓެލްތަކާއި ގޭންގުތައް ވެސް ހަރަކާތްތެރިވާ ސަރަޙައްދެކެވެ. މި ދެ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި 150 އަށްވުރެ ގިނަ ސިފައިންގެ މީހުން ވެސް މިހާރު ވަނީ ބައިވެރިވެފައެވެ.