ދުނިޔެ

ބައިޑަން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވަނީ


އަންނަ ޖުލައި މަހު މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަން ހާމަވެއްޖެއެވެ. ބައިޑަންގެ ދަތުރުފުޅުގެ މަޢުލޫމާތު އެނގޭ ފަރާތަކުން މި މަޢުލޫމާތު ހާމަކޮށްފައިވާއިރު، މި ދަތުރުފުޅުގައި އޭނާ އިސްރާޢީލަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި ބައިޑަން އެ ޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމުގައިވެއެވެ. މިއީ، ތުރުކީވިލާތުގައި ހުންނަ ސަޢޫދީ ކޮންސިއުލޭޓްގައި 2018 ވަނަ އަހަރު އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓުގެ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝޮގީ މަރާލި ފަހުން އެމެރިކާގެ ރައީސަކު ސަޢޫދީ ވަލީއަޙުދާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރަށެވެ.

ހާޝޮގީގެ މަރުގެ ފަހަތުގައި މުޙައްމަދު ބިން ސަލްމާގެ އަތެއް ވާ ކަމަށް ބައިޑަން ޤަބޫލުފުޅު ކުރައްވާ ކަމުގައި ވައިޓް ހައުސްއިން ބުނެއެވެ. ބައިޑަންގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، ސަޢޫދީން އެމެރިކާއަށް ވިއްކާ ތެލުގެ އަގު ހެޔޮކުރުމަށް މަސައްކަތް ކުރުމުގެ ބޭނުމުގައި ކުރައްވާ ދަތުރުފުޅެކެވެ.