ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ސަރުކާރުން ދެއްވި 30 ދުވަސް ނަހަމަގޮތުގައި ބޭނުން ކުރައްވަމުން ގެންދަވާކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ބޭސްފަރުވާއަށް މިހާރު އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ކަންކަމަށް ފާޑުވިދާޅުވެ، ޚާރިޖީ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ދުންޔާ ވިދާޅުވީ ނަޝީދުގެ ދަތުރުފުޅު ސިޔާސީ ކުރައްވާފައިވާ ކަމަށާއި، ސަރުކާރުން ދެއްވި މުހުލަތުގެ ބޭނުން ހިއްޕަވައި މީޑިއާ ކެމްޕެއިނެއް ފަށްޓަވާފައިވާކަމަށެވެ.މިދަތުރުފުޅުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޙަރަކާތްތަކާއި ކުރައްވަމުން ގެންދަވާ ކަންތައްތަކުން ދޭހަވަނީ އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅާމެދު އިތުރުފުޅު ހައްދަވާފައިވާކަން ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ބުރަކަށިފުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން، އެފަރުވާ ރާއްޖެއިން ލިބެން ހުރި ނަމަވެސް ސަރުކާރުން އެކަމަށް ހުއްދަ ދެއްވީ އިޚްލާޞްތެރިކަމާ އެކުގައި ކަމަށާއި އެކަން ސިޔާސީކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާފައި ނުވާނެކަމަށެވެ.ނަމަވެސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީއްސުރެ މިދަތުރުފުޅު ސިޔާސީވެފައިވާކަމަށާއި، ފެންނަމުންދަނީ އެމަނިކުފާނުގެ ޕާޓީގެ ފަރާތްތަކާއި، އެޑްވައިޒަރުން އަދި އެހީތެރިންނާއެކު ބައްދަލުވުންތައް ބާއްވަވައި، މީޑިއާއަށް އަމާޒުކުރައްވާފައިވާ ޙަރަކާތްތައް ކުރިޔަށް ގެންދަވާތަން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރަށް ފަރުވާ ހޯއްދެވުމަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ މިންވަރަށް ޙާލުކޮޅު ބޮޑުކަމަށް ވިދާޅުވެފައިވާއިރު މިހާރު ފެންނަމުންދަނީ މިއާ ޚިލާފު ކަންތައްތަކެއް ކަމަށް ފޮރިންގ މިނިސްޓަރ ވިދާޅުވިއެވެ.މީގެއިތުރުން ނަޝީދުގެ ޕީއާރު ޓީމުން ލަންޑަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ލަންޑަންގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަންގެ ބޭފުޅަކަށް ވެދެވަޑައިގަތުމުގެ ފުރުޞަތަށް ކުރިން އެދިވަޑައިގެންފައިވީނަމަވެސް މިކަމަށް ހުއްދަދީފައިނުވާތީ ސަރުކާރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި ކުރީގެ ރައީސް ނަޝީދަކީ ފަނޑިޔާރެއް ހައްޔަރުކުރުމަށް އަމުރުކުރެއްވުމުގެ ކުށް ސާބިތުވެފައިވާ ބޭފުޅެއްކަމަށާއި އެފަދަ ކުށަކީ ކޮންމެ ޤައުމެއްގައިވެސް ހަރުކަށި އަދަބު ކަނޑައެޅިފައިވާ ބާވަތުގެ ކުށެއްކަން ހަނދާންނައްތާ ނުލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާކަމަށްވެސް މިބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.