ދުނިޔެ

ބެއިޖިންގގައި އަނެއްކާ ވެސް ކޮވިޑް ފެތުރެނީ


ޗައިނާގެ ވެރިރަށް ބެއިޖިންގގެ ބައެއް ސަރަޙައްދުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށައިފިއެވެ. ބެއިޖިންގގެ އިތުރުން ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީގައި ވެސް ކޮވިޑްގެ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

ބެއިޖިންގއިން އިތުރު ކޭސްތަކެއް ފެނިފައި ވަނީ މާރުކޭޓެއްގައި ހުންނަ ރެސްޓޯރެންޓަކުންނެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އެ ރެސްޓޯރެންޓުން ކައިބޮއި ހަދާފައިވާ މީހުންގެ ތެރެއިން 115 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިތުރު 6,158 މީހުން ކޮންޓެކްޓުންގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. ހުކުރު ދުވަހު 61 ކޭސް ފެނިފައިވާއިރު، ހޮނިހިރު ދުވަހު އެކަނި ވެސް އިތުރު 46 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މި ކޭސްތައް ފެނުމާ ގުޅިގެން ބެއިޖިންގގެ ދެ ސަރަޙައްދެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. މި ގޮތުން ބައެއް ފިހާރަތަކާއި ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން، އެ ސަރަޙައްދުގެ ޔުނިވަރސިޓީތަކުގައި ކުޅިވަރުގެ ހަރަކާތްތައް ވަނީ މެދުކަނޑައިލާފައެވެ.

ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން ބެއިޖިންގގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ޝެންގްހާއީއިން އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެން، އެ ސިޓީގެ ރައްޔިތުން ޓެސްޓު ކުރުމުގެ މަސައްކަތް އަލުން މި ވަނީ ފަށާފައެވެ. މި ގޮތުން، ޝެންގްހާއީގެ 16 ޑިސްޓްރިކްޓުގެ ތެރެއިން 15 ޑިސްޓްރިކްޓެއްގެ ހުރިހާ ރައްޔިތުން ޓެސްޓު ހެދުމަށް އެ ޤައުމުގެ ޞިއްޙީ އިދާރާތަކުން ވަނީ އަންގާފައެވެ. މަސްތަކަކަށް ފަހު ޝެންގްހާއީގައި އަމަލުކުރަމުން ދިޔަ ފުރަބަންދު އުވައިލާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންގުޅެނީ "ޒީރޯ ކޮވިޑް" ސިޔާސަތެކެވެ. މާނައަކީ، ކޮވިޑްގެ ކޭސްތަކެއް ފެންނަ ކޮންމެ ސަރަޙައްދެއް ފުރަބަންދުކޮށް، އެންމެން ކަރަންޓީނުކޮށް، ޓެސްޓު ހެދުމެވެ. އަދި، އެ ސަރަޙައްދެއް ދެން ހުޅުވައިލަނީ ކޮވިޑް ކޭސްތައް ފެތުރުން ކޮންޓްރޯލް ވުމުންނެވެ. މި ސިޔާސަތުގެ ދަށުން، މި ބަލީގައި މަރުވާ މީހުންގެ އަދަދު ޗައިނާއިން ވަނީ ބޮޑުތަނުން ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް، 1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 5,200 އަށްވުރެ މައްޗަށް އަރާފައެވެ.