ޚަބަރު

ތަރައްޤީގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ގެންގުޅުމުގައި އަދިވެސް ގޮންޖެހުން އެބަހުރި: ޞަބްރާ


ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ގެންގުޅުމުގައި އަދިވެސް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެއެވެ. ޞަބްރާ ވިދާޅުވީ ރާއްޖޭގެ ކުރިމަގު ބިނާވެފައިވަނީ ވެށީގެ ރައްކާތެރިކަމުގެ މައްޗަށް ކަމަށްވާއިރު އެކަން ބަދަލުކުރުމަކީ ޤައުމީ ފެންވަރުގައި ކުރަންޖެހޭ މުހިއްމުކަމެއްކަމަށެވެ.

ޔޫއެންޑީޕީގެ "އައިލެންޑް ލައިފް މެގަޒިން"ގެ 6 ވަނަ ޢަދަދު ނެރެދެއްވާ ވާހަކަފުޅު ދައްކަވަމުން ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހިމް ނޫރައްދީން ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވެށީގެ ރައްކާތެރިކަމަކީ ރާއްޖޭގެ ކުރިމަގާއި ސީދާ ގުޅިފައިވާކަމެއްކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާރުވެސް ހިންގާ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ބަރޯސާވުމުގައި އަދިވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ.

ރަށްރަށުގައި ތަރައްޤީކުރަމުންދާ ބަނދަރުތަކުގެ މަޝްރޫޢުތަކުން މިސާލު ދައްކަވަމުން ޞަބްރާ ވިދާޅުވީ ބަނދަރުތައް ތަރައްޤީކުރަންޖެހެނީ ރަށްރަށުގެ ވަށައިގެންވާ ވެލިގަނޑު ދައުރުކުރާނެ ފަދަ ގޮތަކަށް ނަމަވެސް އެއީ ޚަރަދު ބޮޑު އަދި އެކަމަށް ރައްޔިތުންގެ އެއްބަސްވުންވެސް ނުލިބޭ ކަމެއްކަމަށެވެ. އެހެންނަމަވެސް ދިރާސާތަކުން ހާމަވަމުންދަނީ ހަމައެކަނި ބަލަން ތިބެންވެން ނެތް ހަގީގަތަކަށްވާއިރު ރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައިވެސް ތިމާވެށީގެ މައްސަލަތަކުގައި އަޑުއުފުލަނީ މިއީ ދިވެހިންގެ ކުރިމަގާއި ގުޅިފައިވާ ކަމެއްކަމުގައިވާތީ ކަމަށް ޞަބްރާވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ރަށްތަކުގެ ރީތިކަން ނުގެއްލޭނެހެން ތިމާވެއްޓާ ރައްޓެހި ބަނދަރެއް ތަރައްޤީކުރުމަކީ ޚަރަދު ބޮޑުކަމެއްކަން ފާހަގަކުރައްވާ ޞަބްރާ ވިދާޅުވީ ވެލިބަސްތާޖަހުމަކީ ޙަގީގަތުގައި ރަށްގިރުމަށް އޮތް ވަގުތީ ޙައްލެއްކަމަށެވެ.

އިޤްތިޞާދީގޮތުން ނަފާވާނެ އަދި ދެމެހެއްޓެނިވިގޮތަކަށް ތަރައްޤީ ގެނައުމަށް މުޖުތަމަޢެއް ތައްޔާރުކުރުމަށް ވަރަށް ވަގުތު ނަގާކަމަށާއި ތަރައްޤީގެނައުމުގެ އެކި ބައިވެރިންނަށް މޫސުމީ ބަދަލުތަކާއި ގުޅިގެން ޢާއްމު ކުރާ ދިރާސީ ހެކީގެ ބުރަދަނަށް ބެލުމަށްފަހު ވަގުތީ ޙައްލުތަކުގެ ބަދަލުގައި ދެމެހެއްޓެނިވި ޙައްލުތަކެއް ގެނައުމަށްވެސް ވަގުތު ނަގާކަން ޞަބްރާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަންކަން ކަށަވަރުކުރުމުގައި ޒުވާނުންނާއި އަންހެނުންގެ ހިއްސާ އިތުރުކޮށް ރާއްޖޭގެ ޖަޒީރާ ވަންތަކަން ރައްކާތެރިކުރެވޭނެފަދަ ގޮތަކަށް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ޞަބްރާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އދ.ގެ ތަރައްޤީއާ ބެހޭ ޖަމްޢިއްޔާގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާ ވިދާޅުވީ މިމެގަޒިންއަކީ ރާއްޖެއާއި ފަތުރުވެރިންނާއި ދެމެދު ޤާއިމުކުރެވޭ މުހިއްމު ގުޅުމެއްކަމަށެވެ. ރާއްޖެއާއި ބެހޭގޮތުން ރާއްޖޭގައި ލިބެން ހުރި މިފަދަ ލިޔުންތައް މަދުކަން އެންރިކޯވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިފަދަ މެގަޒިންތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް މުހިއްމު އެއްޗެއްކަމަށް އެންރިކޯވަނީ ވިދާޅުވެފައެވެ.

"އައިލެންޑް ލައިފް" މެގަޒިންއަކީ ރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ޔޫއެންޑީޕީން ރާއްޖޭގައި ހިންގަމުންދާ ޕްރޮގްރަމްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭހެން ޔޫއެންޑީޕީން އަހަރަކު އެއްފަހަރު ނެރެމުން އަންނަ މެގަޒިންއެކެވެ. މިރަސްމިއްޔާތުގައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމާއި ގުޅޭގޮތުން ރާއްޖޭގެ އޮޕަރޭޓްކުރާ އެއަރލައިންތަކާއި ދެމެދު އެއްބަސްވުމެއް އެކުލަވާލާފައެވެ. މީގެ ދަށުން ދިވެހިންނާއި އަދި އެއަރލައިންތަކުން ޚިދުމަތް ހޯދާ ފަތުރުވެރިން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ޔޫއެންޑީޕީއާއި ގުޅިގެން މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ.