ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ތިނެއްގައި ހަންގޭރީ އާއި ޖަރުމަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ހަންގޭރީގައި ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ޖަރުމަނުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ ހަންގޭރީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ހަވަނަ މިނެޓްގައި ޖެހީ ހަންގޭރީންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒޯލްޓް ނެގީއެވެ.
ނަމަވެސް ހަންގޭރީއަށް މިލީޑު ދެމެހެއްޓޭ ވަރުވީ އެންމެ ތިން މިނެޓު ވަންދެނެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓްގައި ޖަރުމަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޯނަސް ހޮފްމަނެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު ހަތަރު މެޗްގައި ކާމިޔާބުކުރީ ތިންވަނަ ލަނޑެވެ.
މި މެޗް އެއްވަރުވެގެން ނިމުނުއިރު، ޖަރުމަނުގެ ކޯޗް ހާންސީ ފްލިކްގެ ކޯޗުކަމުގެ ދަށުން އެ ޓީމުން އެންމެފަހުން ކުޅުނު 12 މެޗުންވެސް ބަލިވެފައި ނުވި ނަމަވެސް، މިފަހަރުގެ ނޭޝަންސް ލީގުގައި އަދި އެ ޓީމަށް މެޗަކުން މޮޅުވެފައެއް ނުވެއެވެ.
މިމެޗް އެއްވަރު ވުމުން ޖަރުމަން އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ހަންގޭރީ އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.