އަންނަ ޖުލައި މަހު ފަށަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ޅ. ހިންނަވަރުގައި ކޭމްޕުކޮށްފިއެވެ.
ވިކްޓަރީން މައުލޫމާތުދޭ ގޮތުން އެ ޓީމުން ހިންނަވަރުގައި 10 ދުވަހަށް ކޭމްޕުކުރާނެއެވެ. އަދި ހިންނަވަރުގައި ކޭމްޕުކުރަން ނިންމީ އެ ރަށުގައި ވަސީލަތްތައް ހުރުމުން ކަމަށް ވިކްޓަރީން ވަނީ ބުނެފައެވެ.
ދަރަނީގެ މައްސަލަތައް ބޮޑުވެ ކުޅުންތެރިންނަށް މުސާރަ ނުދެއްކުމުން މީގެ ކުރިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވިކްޓަރީ ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ. އެކަމަކު އެ ޓީމުގެ ސަސްޕެންޝަން ދާދި ފަހުން އުވާލާފައިވަނީ ކުލަބުގެ ދަރަނި ދެއްކުމާ ގުޅިގެން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮންގްރެސްގައެވެ.
އެއާއެކު މި ސީޒަނުގެ ދެވަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން ވިކްޓަރީން ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނައިރު، އެ ކުލަބުގެ ކޯޗަކަށް ސްރީ ލަންކާގެ ޕަކީރު އަލީ ވަނީ ހަމަޖައްސައިފައެވެ. ޕަކީރަކީ މީގެ ކުރިން ރާއްޖޭގައި މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. އަދި 2018 ވަނަ އަހަރު ލަންކާ ޓީމަށް ސާފް ސުޒުކީ ކަޕުގައި އިރުޝާދު ދީފައިވަނީވެސް ޕަކީރެވެ.
ދެވަނަ ޑިވިޝަނަށް ވިކްޓަރީން ވަރުގަދަ ސްކޮޑެއް އެކުލަވާލާފައިވާއިރު، އެ ޓީމުގައި މީގެ ކުރިން ގައުމީ ޓީމަށާއި އަދި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަށް ކުޅުނު އަޙްމަދު އިމާޒް (އާއްކޮ) ހިމެނެއެވެ. އަދި އެ ޓީމުން ވަނީ ލުބުނާނުގެ ފޯވާޑް މަހުމޫދު މުޙައްމަދު ހަދޫ އާއި، މިސްރުގެ ތިން ކުޅުންތެރިން ކަމަށްވާ މުޙައްމަދު އޮސާމާ ސަބާ އާއި، މުޙައްމަދު އަލްބާލީ އަދި އަޙްމަދު ސައީދު ބަދާވީވެސް ގެނެސްފައެވެ.