ދީން

އެމްޕީއެލް އިން އިސްލާމިކް މިނިސްޓްރީއަށް ފޮތްތަކެއް ހަދިޔާކޮށްފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ދީނީ ފޮތްތަކެއް ހަދިޔާކުރައްވައިފިއެވެ.މިއީ އަލަށް އިސްލާމްދީނަށް ވަންނަ ފަރާތްތަކަށް ބޭނުންވާނެ ދީނީ މުހިއްމު މަޢުލޫމާތުތަކެއް ހިމެނޭ ފޮތްތަކެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.މި ފޮތްތައް ހަދިޔާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން  މުޖުތަމަޢަށް ކޮށްދެމުން ގެންދަނީ ވަރަށް ބޮޑު ޚިދުމަތެއްކަމަށާއި، އެ މުއައްސަސާއަކީ ނަމޫނާ މުއައްސަސާއެއް ކަމަށެވެ. ހަމައެހެންމެ އެހެން މުއައްސަސާތަކުން މި ނަމޫނާ ބަލައިގަނެ އެގޮތަށް ޢަމަލު ކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.އިނގިރޭސި ބަހާއި، ޗައިނާ ބަހާއި، ފްރާންސް ބަހުން ލިޔެވިފައިވާ މިފޮތްތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްލާމީ ލައިބްރަރީގައެވެ. އަދި މި ފޮތްތައް އަލަށް އިސްލާމް ދީނަށް ވަންނަ ފަރާތްތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އޭޓީ.އެމް.ޓީ ޕްރޮގްރާމްގެ ދަށުން މިފޮތްތައް ލިބެން ހުންނާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި މިފޮތްތައް ޙަވާލުކޮށްދެއްވީ، އެމް.ޕީ.އެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހީމް ޝަރީފެވެ. މިނިސްޓްރީގެ ފަރާތުން ފޮތްތަކާ ޙަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދު ބާޤިރެވެ.