ޚަބަރު

ކުދި ޤައުމުތަކުން އެކުގައި މަސައްކަތްކުރުން މުހިންމު- ރައީސް


ކުދި ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެއްޤައުމު އަނެއްޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައިޕްރަސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑެމެރިޓިއޮސް އޭ. ތިއޮފިލަކްޓޫ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގާ ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސައިޕްރަސްގެ އާ ސަފީރުގެ ދައުރުގައި، ރާއްޖެއާއި ސައިޕްރަސްއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ދިވެހިރާއްޖެއާ އެއްގޮތައް ސައިޕްރަސްއަކީވެސް ކުޑަ ޤައުމެއްކަމުން، ދެޤައުމުންވެސް ގުޅިގެން ދެޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.ސައިޕްރަސްގެ އާ ސަފީރު ދެއްކެވިވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގައި ރާއްޖެއާއި ސައިޕްރަސްއާ ދެމެދު އޮންނަ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.