ކުޅިވަރު

ޗެމްޕިއަން ފްރާންސާއި އޮސްޓްރިއާގެ ކުރިމަތިލުން އެއްވަރު


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް އެކެއްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި އޮސްޓްރިއާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އޮސްޓްރިއާގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސި ޓީމުންނެވެ. ނަމަވެސް މެޗްގެ ބޮޑު ބައި ކޮންޓްރޯލް ކުރުމާއެކުވެސް މިމެޗްގެ ލީޑު ނެގީ އޮސްޓްރިއާއިންނެވެ. މިލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ޖަހާދިނީ އެންޑްރިއާސް ވެއިމަންއެވެ. މިއީ އުމުރުން 30 އަހަރުގެ ވެއިމަން އޮސްޓްރިއާ ޤައުމީ ޓީމަށް ޖަހާދިން ފުރަތަމަ ލަނޑެވެ. މިމެޗްގައި ފަރަންސޭސީ ޓީމުން އެއްވަރު ކުރި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޠާ ކިލިއަން އެމްބާޕޭއެވެ. މިލަނޑާއެކު މިމެޗްގައި އިތުރު ލަނޑެއް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗް އެއްވަރު ވުމުން ގްރޫޕް އޭ ވަންގައި ފަރަންސޭސި ޓީމަށް ތިން މެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ. އަދި މިވަގުތު އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިފަހަރުގެ ނޭޝަންސް ލީގުގައި ބައެއް ބޮޑެތި ޓީމް ތަކަށް އެންމެ ރަނގަޅު ނަތީޖާ ނުނެރެވިގެން އުޅެނީ އެޓީމްތަކުން މިމުބާރާތުގައި އެންމެ ވަރުގަދަ ކުޅުން ދެއްކުމުގެ ބަދަލުގައި މިމުބާރާތް ބޭނުން ކުރަމުންދަނީ ކުރިއަށް އޮތް ވާރލްޑް ކަޕަށް ތައްޔާރުވެ އާކުޅުންތެރިން ތަޖްރިބާ ކުރުމަގައެވެ. މިގްރޫޕްގެ އެއްވަނައިގާ އުޅެނީ ޑެންމާކެވެ. އަދި އޮސްޓްރިއާ ހަތަރު ޕޮއިންޓާއެކު އޮތީ ދެވަނައިގައެވެ.