ޚަބަރު

މަކުނުވިދުރިއާ ގުޅިގެން މުއައްސަސާތަކުން ތައްޔާރީ ޙާލަތަކަށް


މަންކީ ޕޮކްސް ނުވަތަ މަކުނުވިދުރިއާ ގުޅޭގޮތުން ރާއްޖެ ތައްޔާރީ ޙާލަތަކަށް ގެނައުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ފަށައިފިއެވެ. މިބަލި ރާއްޖެއިން މިހާތަނަށް ފެނިފައި ނުވިނަމަވެސް އެޗްޕީއޭއިން ތައްޔާރުވަމުން އަންނަނީ ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު ބޮޑުކަމަށް ބަލައިގެންނެވެ.

ރާއްޖެއަށް ފަތުރުވެރިން ގިނަ ޢަދަދަކަށް ޒިޔާރަތްކުރާ ޤައުމުތަކުން މަންކީޕޮކްސް ނުވަތަ މަކުނުވިދުރި ފެންނަމުން ދިޔުމާއި ގުޅިގެން ރާއްޖެއިންވަނީ ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންފަށާފައެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި ނޫސްވެރިންނަށްވެސް މިމަޢުލޫމާތު މިހާރުވަނީ ދީފައެވެ. މިނިސްޓްރީ އޮފް ހެލްތުގައި މިއަދުވަނީ ބައްޔާއި ގުޅޭގޮތުން ތައްޔާރުވުމަށްޓަކާ މުވައްސަސާތަކާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ސަރުކާރުގެ އެކި ކުންފުނިތަކާއި ސަލާމަތީ ބާރުތަކުންވަނީ ބައިވެރިވެފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ބަލިތަކުން ދިފާޢުވުމަށް ރާއްޖެއާއި ދުނިޔެވެސް މީގެ ކުރިން އޮތީ ތައްޔާރީ ޙާލަތެއްގައެއް ނޫނެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ތަޖުރިބާއާއެކު ބަލިތަކުން އަރައިގަތުމަށް ބޭނުންވާ ވަޞީލަތްތަކާއި ހުރި ގޮންޖެހުންތައް އެނގުމުގެ ސަބަބުން ދުރާލާ ފިޔަވަޅުތައް އެޅުމުގެ މަގުމިހާރުވަނީ ފަސޭހަވެފައެވެ. އެގޮތުން މީގެކުރިން ބަލީގެ ޢަލާމަތްތައް ހުރި މީހުން އެކަހެރި ކުރާނެ ގޮތެއް ނެތްނަމަވެސް އެވަޞީލަތް ރާއްޖޭގައިވެސްވަނީ ޤާއިމުވެފައެވެ. އަދި ހަމައެއާއެކު ވައިރަހުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ޕީޕީއީ ފަދަ ވަޞީލަތްތައް ބޭނުންކުރުމަށް މިހާރުވަނީ ހޭލުންތެރިވެފައެވެ.

މަކުނު ވިދުރިއަކީ ދުނިޔޭގައި މީގެކުރިންވެސް މަދުމަދުން ފެންނަމުންދާ ކަށިވިދުރީގެ ޢާއިލާއަށް ނިސްބަތްވާ ބައްޔެކެވެ. މިބަލި ޑަބްލިއުއެޗްއޯގެ ސަމާލުކަމަށްއައިސްފައިވަނީ މިދިޔަ މަހުގެ 13ގައެވެ. އޭގެފަހުން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޑަބްލިއުއެޗްއޯގެ 27 މެމްބަރު ޤައުމަކުން 780 ކޭސްވަނީ މިހާތަނަށް ރިޕޯޓުކޮށްފައެވެ. ބަލީގެ ޢަލާމަތްތަކުގެ ތެރޭގައި ހުންއައުމާއި ގައިގައި ރިއްސާ ވަރުބަލިކަން އިޙްސާސްވެ ބޮލުގައާއި ކަރުގައި ރިއްސާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ކިހިލީގައާއި އުކުޅުވަޅުގައި ގޮށްލާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގާކަމަށާއި އެންމެ ފުރަތަމަ ބިހިތައް ހުންނާނީ ފަތިކޮށްކަމަށެވެ.

ޢާއްމުކޮށް ގައިންގަޔަށް އަރާ ބަލިތަކާއި ޚިލާފަށް މިބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެންނާއި ބަލި މީހާ ބޭނުންކޮށްފައި ހުންނަ ތަކެތީގައި އަތްލުމުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.