ކުޅިވަރު

އީގަލްސްގެ އައު ކޯޗަކަށް އާތީ


ކުލަބު އީގަލްސްގެ ހެޑް ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު މުޙައްމަދު އާތިފް (އާތީ) ހަމަޖައްސައިފިއެވެ.

އީގަލްސްގެ ހެޑް ކޯޗުގެ މަގާމުގައި މީގެ ކުރިން ހުރީ މުޙައްމަދު ޝާޒްލީ (ޝާޒް)އެވެ. އެކަމަކު ޖަނަވަރީ މަހު ބޭއްވި ޕްރެޒިޑެންޓްސް ކަޕަށްފަހު ޝާޒް ވަނީ މަގާމު ދޫކޮށްލައިފައެވެ. އޭގެ ފަހުން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައީ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ)އެވެ.

އާތީ ވަނީ މިދިޔަ ސީޒަނުގައި ކުލަބް ވެލެންސިއާގެ ކޯޗުގެ މަގާމުގައި ހުރެފައެވެ. އެކަމަކު މި ފަހުން އާތީ ހުރީ ކުލަބް އޭދަފުށީގެ ކޯޗުގެ ގޮތުގައެވެ. އެ ޓީމުގެ ކޯޗަކަށް ހުރެ އާތީ، ވަނީ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ އޯޕަން ރައުންޑްގައި ކްލަބް އޭދަފުށްޓަށް ކުރި ހޯދައިދީ ޒޯން ލީގުން ފުރުސަތު ހޯދައިދީފައެވެ.

ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު އާތީ ކޯޗިން ކެރިއަރު ފެށީ 1998 ވަނަ އަހަރު 14 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުންނެވެ. އޭގެ ފަހުން އުމުރުފުރާ ތަކުގެ ޓީމުތަކާއި އެކީ ކޯޗިންގެ މަސައްކަތް އާތީ ކޮށްފައިވެއެވެ. އަދި އަންހެން ގައުމީ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ވެސް އާތީ މަސައްކަތް ކުރިއެވެ. އާތީ ކުލަބަކަށް އެންމެ ފުރަތަމަ ކޯޗުކަން ކޮށްދިނީ 2010 ވަނަ އަހަރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އަށެވެ.

އޭގެ ފަހުން 2014 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ބެންޗުން ފެނުނު އާތީ ފުރަތަމަ ޑިވިޝަނުގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކުރީ 2016 ވަނަ އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގޮވައިގެންނެވެ.

އާތީ އީގަލްސްގެ ކޯޗުކަމާ ހަވާލުވިއިރު، އީގަލްސް އޮތީ ލީގުގެ ދެވަނައިގައެވެ. އެއީ 12 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް މާޒިޔާއަށް 12 މެޗުން 33 ޕޮއިންޓް ވަނީ ލިބިފައެވެ.