ޚަބަރު

"ކޮންމެފަހަރަކު ރަން ވަނައެއް ނުލިބުނަސް ގަދައަޅައި މަސައްކަތް ކުރާ ދަރިވަރުންނަށް ކާމިޔާބުވާނެ"


ސްކޫލުގައި ކިޔަވާ ދުވަސްވަރު ތިމާގެ އަމިއްލަ ނަފުސަށް، އޮންނަ އިތުބާރު ނަގާނުލައި ކުރިއަށްދާ ކޮންމެ ކުއްޖަކަށް އެކުއްޖަކު ޙާސިލްކުރަން ބޭނުންވާ ރަންވަނަ ހާސިލް ކުރެވޭނެކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވެއެޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 2020ވަނަ އަހަރާއި 2021ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ.ހުސައިން ރަޝީދު ވިދާޅުވީ، ތައުލީމީ ގޮތުން ކުރިއަށްދާން ބޭނުންވާ ކޮންމެ ދަރިވަރަކުވެސް، ކިޔެވުމުގައި ދިމާވާ ގޮންޖެހުންތަކަށް ނޫނެކޭނުބުނެ ކުރިއަށް ދިއުމުގެ އަޒުމް ކަނޑައެޅައިފިނަމަ ހާސިލް ކުރަން ބޭނުންވާ ނަތީޖާ ނެރެވޭނެކަމަށެވެ. ދަރިވަރުންގެ ގައިގައި ހުންނަންޖެހޭ އަޚްލާގީ މިންގަނޑުގެ މައްޗައް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްވަމުން މިނިސްޓަރ ވިދާޅުވީ ގެއިން ބޭރުގައި އުޅޭވަގުތު މަދުކޮށް ކިޔެވުމުގައި ގިނަވަގުތު ހޭދަކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ނިދި ހަމަކުރުމަކީވެސް ދަރިވަރުންނަށް މުހިންމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިޒަމާނަކީ އިންޓަރނެޓުގެ ޒަމާންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އިންޓަނެޓަކީ ކިތަންމެ ފުޅާ ވިއުގައެއްކަމުގައި ވިޔަސް އެއީ ހަމައެކަނި ކިޔެވުމަށް ބޭނުންކުރާ މުހިންމު ވަސީލަތަށް ހެދުމަށާއި އޭގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށްވެސް މިނިސްޓަރ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

މިނިސްޓަރ ވިދާޅުވީ ކާމިޔާބު ދަރިވަރުންނަކީ ކިޔަވާ ދުވަސްވަރު ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނަގަހައްޓައި ކާމިޔާބު ހޯދުމަށް އަޒުމް ކަނޑައަޅައި ގަދައަޅައި މަސައްކަތް ކުރާދަރިވަރުންކަމަށެވެ.

"އެއީ ނުވާނެކަމެއް ނޫން. އަބަދަކު ރަންވަނައެއް ނުލިބިދާނެ. އެހެން ކުދިންވެސް ހަމަ އެވަރަށް މަސައްކަތް ކުރާނެ. އެހެންކަމުން ތިމާ އެކަނޑައަޅާ އަޒުމެއްގައި ކުރިއަށްދާނަމަ ތިމާ ކިޔެވުމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލް ކުރެވޭނެކަމާމެދު ޝައްކެއްނެތް." ޑރ.ޙުސައިން ރަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ޑރ.ޙުސައިން ރަޝީދު ޙަސަން ވަނީ އެސްކޫލުން އޯލެވެލްއާއި އޭލެވެލް އިމްތިޙާނުތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ސެޓްފިކެޓާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުވެސް އެދަރިވަރުންނާ ހަވާލުކުރައްވާފައެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 2020ވަނަ އަހަރާއި 2021ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން އެއްވަނަ ހާސިލް ކުރީ މަރިޔަމް ހަޒްމާއެވެ. ހަޒްމާ ވަނީ އޯލެވެލް އިމްތިހާނުން އެންމެ މަތީފާސް ހޯދައިގެން ރާއްޖޭގެ ގަދަދިހައެއްގައިވެސް ހިމެނިފަައެވެ. އޭލެވެލް އިމްތިހާނުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ރަމްޝާ ރަޙްމާންއެވެ.

މިޖަލްސާގައި 2020-2021ވަނަ އަހަރުގެ އޯލެވެލް އަދި އޭލެވެލްގެ އެންމެ މޮޅު ދަރިވަރުގެ އިތުރުން އޯލެވެލް އާއި އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ގްރޭޑް 9އިން މަތީގެ ކުލާސްތަކުން ތަފާތު ވަނަތަކަށް ހޮވުނު ދަރިވަރުންނަށްވަނީ އިނާމު ދީފައެވެ.