ޚަބަރު

ނާގޯށީގައި ތަރައްޤީކުރާ ރިސޯޓު 2024ގައި ހުޅުވޭނެ: އެމްޓީޑީސީ


ނާގޯށީގައި ތަރައްޤީކުރާ ރިސޯޓު 2024ވަނަ އަހަރުތެރޭ ހުޅުވޭނެ ކަމަށް އެމްޓީޑީސީން ހާމަކޮށްފިއެވެ.

ހދ. ނާގޯށީ އަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. 73 ހެކްޓަރުގެ މި ރަށުގައި ރިސޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީޑީސީން މިހާރުދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި އެކުންފުނިން ހުށަހެޅި މާލީ ރިޕޯޓުގައި ބުނެފައިވަނީ ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ ރޯ ގަލަދާރީ ކުންފުންޏާއިއެކު ޤާއިމްކޮށްފައިވާ ޖޮއިންޓު ވެންޗަރއެއްގެ ދަށުންނެވެ. މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ އިދާރީ މަސައްކަތްތައް ކަމަށާއި، އެގޮތުން ރަށުގެ އީއާއިއޭ ހެދުމުގެ މަސައްކަތާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތާއި، ރަށުގެ ސަރވޭގެ މަސައްކަތް ކުރިއަށްދާކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެމްޓީޑީސީން ވިދާޅުވީ މިއަހަރުގެ ފަހު ކުއާޓަރގެ ތެރޭގައި ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި 2024ވަނަ އަހަރުތެރޭ ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްޤީކޮށް އެކަމުގެ ފޮނި މީރުކަން ލިބިގެންދާނެ ކަމަށްވެސް އެމްޓީޑީސީން ވިދާޅުވެއެވެ.

ނާގޯށީގެ މަސައްކަތް ލަސްވަމުން ދިޔުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ފާއިތުވި 2 އަހަރަކީ ކޯވިޑާއެކު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި 2 އަހަރު ކަމަށެވެ. އަދި މި މަޝްރޫޢަށްވެސް އެކަމުގެ އަސަރުކޮށްފައިވާ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.

" ހދ. ނާގޯއްޓަކީ ވަރަށް ގިނަ މައްސަލަތަކެއް ދިމާވެފައި އޮތް ރަށެއް، މުޅިން އާ ލީސްއެއްގެ ދަށުން އަލުން އެމްޓީޑީސީ އާއި ހަވާލުވީ އިތުރު 50 އަހަރަށް، އޭގެތެރެއިން ދިމާވި ހުރިހާ މައްސަލައެއް އޭގެތެރެއިން ހައްލުކުރުމަށްފަހު، އެވަގުތަކީ ކޯވިޑާއި ގުޅިގެން ދުނިޔެ ބަންދުވެފައި އޮތް ދުވަސްވަރު، ކުންފުނިން ކުރެވުނު މަސައްކަތުން އިންވެސްޓަރެއް ހޯދާ އެ މަސައްކަތްކުރެވެމުން އެދަނީ،" ތަޒްމީލް ވިދާޅުވިއެވެ.

އެމްޓީޑީސީން މީގެކުރިން ބުނެފައިވަނީ، ނާގޯށީގައި ތަރައްޤީކުރާ ރިސޯޓް ހިމެނިގެންދާނީ ފަތުރުވެރިކަމުގެ އެނދުގެ އަދަދުން ބަލާނަމަ، ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު ރިސޯޓްތަކުގެތެރޭގައި ކަމަށެވެ.

އެމްޓީޑީސީން މިހާރުވެސް ވަނީ 2 ރަށެއް ކުއްޔަށްދީފައެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫއެވެ.