އިނގިރޭސި ކުލަބު އާސެނަލަށް ކުޅެމުން އައި ފޯވާޑް އެލެގްޒެންޑާ ލަކަޒެޓް، ފްރާންސްގެ އޮލިމްޕިކް ލިއޯންނަށް ބަދަލުވެއްޖެއެވެ.
މީގެ ކުރިން ލިއޯން ދޫކޮށް އާސެނަލްއަށް ބަދަލުވި ލަކަޒެޓް، އެނބުރި ލިއޯންއަށް ގޮސްފައިވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތިގައި ލަކަޒެޓް ލިއޯނާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 31 އަހަރުގެ ފްރާންސްގެ ފޯވަޑް ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއަށް 158 މެޗް ކުޅެދީ 54 ލަނޑު ޖަހާދީފައެވެ. އަދި އެޓީމަށް 2020 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އޭނާ ވަނީ އަދާކޮށްފައެވެ.
މި އަހަރުގެ އެޕްރީލް މަހު ވާހަކަ ދައްކަމުން ލަކަޒެޓް ވަނީ އޭނާގެ އުފަން ރަށަށް ނިސްބަތްވާ ކްލަބާއި އޮތް ގުޅުން އެއްވެސް އިރެއްގައި ކަނޑަ ނުލާކަން ހާމަކޮށްފައެވެ. ލިއޯން އިން ހާމަކުރިގޮތުގައި ލަކަޒެޓް އަނބުރާ ކުލަބާއި ގުޅުމަކީ އެ ކްލަބަށް ލިބިގެންދާ ވަރަށް ބޮޑު އުފަލަކާއި ފަހުރެއް ކަމަށެވެ. އަދި އުމުރުން 12 އަހަރުގައި އެ ކްލަބާއި ގުޅުނު ލަކަޒެޓް، އަލުން އެ ކުލަބަށް އައުން ވެގެން ގޮސްފައިވަނީ ވޭތުވެދިޔަ މަސްތަކުގައި އެކްލަބުން އެންމެ ބޮޑު ސަމާލުކަމެއް ދިން އެއްކަންތަަކަށް ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ލަކަޒެޓް ބުނީ އެނބުރި ލިއޯނަށް އައުމަކީ މާކުރިންވެސް އޭނާ ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އޭނާގެ ކުޅުން މިހާރު ކުރިއަށް ވުރެ ރަނގަޅު ވެފައިވާ ކަމަށާއި، އޭނާގެ ތަޖުރިބާގެ ބޭނުންކޮށް ލިއޯންއަށް އެހީތެރިވެދޭން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.