ދުނިޔެ

އައި.އެސް ޖަމާޢަތް: ދުނިޔޭގެ ސަލާމަތަށް ނުރައްކަލެއް !


ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ފަރަންސޭސިވިލާތުގެ ޕެރިހަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި 130 މީހުން ވަނީ މަރުވެފައެވެ. މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ހައްދު ފަހަނައަޅާފައިވާ އައި.އެސް ޖަމާޢަތުންނެވެ. މި ހަމަލާގައި ބައިވެރިވި 9 މީހުން ހަމަލާގެ ތެރޭގައި މަރާލި އިރު، މިމީހުންގެ މަންޒަރު ދައްކާ ވީޑިއޯއެއް އައި.އެސް ޖަމާޢަތުން މި ވަނީ ޢާއްމުކޮށްފައެވެ.މި ވީޑިއޯއަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ރަަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ފަރަންސޭސި ރައީސް ފޮންސުވާ އޮލޯންދް ވިދާޅުވީ، ޓެރަރިޒަމްގެ ނުރައްކަލުގެ ސަބަބުން ފަރަންސޭސިވިލާތުން ފަސް ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެގައުމުގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅާނެ ކަން ފާހަގަކުރައްވަމުން އޮލޯންދް ވަނީ ފަރަންސޭސިވިލާތުގައި އިއުލާނުކޮށްފައިވާ ކުއްލި ޙާލަތުގެ މުއްދަތު އިތުރު ކުރާނެ ކަމަށް ވިދާޅުވެފައެވެ.އައި.އެސް ޖަމާޢަތުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަމަލާތައް ދެމުންދާ އިރު، އައި.އެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިނަލްއަޤްވާމީ ދުނިޔެއިން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިންޑޮނޭޝިޔާގެ ޕޮލިޓިކަލް މިނިސްޓަރ ޖެނެރަލް ލަހުތް ޕަންޑްޖަތައިން ވެސް ވަނީ ވިދާޅުވެފައެވެ.އޭނާ މިހެން ވިދާޅުވެފައިވަނީ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި އައި.އެސް ހަނގުރާމަވެރިން ދިން ހަމަލާއަށް 11 ދުވަސްވެފައި ވަނިކޮށެވެ.ޖަކާޓާގައި ކުރިއަށް ދިޔަ ސަލާމާތާ ބެހޭ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑޮނޭޝިޔާގެ މިނިސްޓަރ ވިދާޅުވީ އައި.އެސް އަކީ ސަރަހައްދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާ މި ނުރައްކަލާ ކުރިމަތިލެވޭނީ ހުރިހާ ގައުމަކުން ގުޅިގެން މިކަމުގައި މަސައްކަތްކޮށްގެން ކަމަށެވެ.މި ދަނޑިވަޅުގައި، މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބު ރަޒާކް ވަނީ އައި.އެސް ޖަމާޢަތަށް އެގައުމަށް ނުވަދެވޭނެ ކަމަށް ވިދާޅުވެފައެވެ.އަދި މިކަމަށްޓަކައި މިހާރު މެލޭޝިޔާ ސަރުކާރުން އެކުލަވާލާފައިވާ ހަރުކަށި ޤާނޫނުތަކަކީ އައި.އެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މުހިއްމު ހަތިޔާރަކަށް ވެގެންދާނެ ކަމަށް ވެސް މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.