ޚަބަރު

އުރީދޫން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެވޯޑުތަކެއް


އޭޝިއާ ޕެސިފިކް ސްޓީވީ އެވޯރޑްސްގެ 3 އެވޯޑެއް އުރީދޫއަށް ލިބިއްޖެއެވެ.

ކޯވިޑް-19ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ޚިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާގެ ޚިދުމަތައްވެސް ވަނީ އެވޯޑު ލިބިފައެވެ.

އޭޝިއާ ޕެސިފިކް އެވޯޑްސްއިން އުރީދޫއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި، ކޯވިޑް 19 އާއި ގުޅިގެން ދިމާވެފައިފާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ހިންގުމަށް އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ޚިދުމަތްތައް ފާހަގަކޮށް ދިން ގޯލްޑް ސްޓީވީ - އެކްސަލަންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް އެވޯޑާއި، މޫލީ އަދި އެމް-ފައިސާގެ ޚިދުމަތަށް ލިބުނު ސިލްވަރ ސްޓީވީ - އެކްސަލަންސް އިން ކޮންސިއުމަރ ޕްރޮޑަކްޓް އެންޑް ސަރވިސް އިންޑަސްޓްރީސްއާއި، އެމް-ފައިސާގެ ޚިދުމަތައް ލިބުނު ،ބްރޮންޒް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް ހިމެނެއެވެ.

އުރީދޫއަށް ލިބުނު އެވޯޑުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ޑިޖިޓަލް ޚިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެކުންފުނިން ކުރާ މަސައްކަތްތައް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

" ޕެންޑެމިކްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ވަރަށް އިޚްލާޞްތެރިކަމާއި ބުރަ މަސައްކަތުން، އަޅުގަނޑުމެންގެ ޓީމުން އީޖާދީ ޚިދުމަތްތައް ތަޢާރަފްކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް ޚިދުމަތްތައް ކުރިއަރުވައި ފަސޭހަ ގޮތްތައް ފަހިކޮށްދިން. އަޅުގަނޑުމެންގެ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށް، މުޅި ކަސްޓަމަރ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ހިތްވަރާއި ޝައުޤުވެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ މުޅި ޓީމަށް އަޅުގަނޑު ތަހުނިޔާ އާއި މަރުހަބާ ދަންނަވަން. ކުރިއަށް އޮތް ތަނުގައިވެސް ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތްތައް ކަސްޓަމަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އުރީދޫ ޓީމް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

ޕެންޑެމިކާއިއެކު ދިމާވި ގޮންޖެހުންތަކާއެކުވެސް، އުރީދޫ މޯލްޑިވްސް އިން ވަނީ ކަސްޓަމަރުން ބަދަލުވެ އިތުރުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ނެޓްވޯކް އަދި ޓެލެކޮމް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްތަކެއްކޮށްފައެވެ. އެގޮތުން ޓައަރ 3 ރެޑީ ޑޭޓާ ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ރާއްޖެ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ.