ދުނިޔެ

ފަލަސްތީނާއި އެމެރިކާގެ ގުޅުންތައް ބަދަހިވަމުންދާ ކަމުގެ ނިޝާނެއް


އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުޅަނގު އައްސޭރީގެ ޤުދުސްއަށް ކުރައްވާ ދަތުރުފުޅަކާ ގުޅުވައި، ޤުދުސްގައި ހުރި އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންގެ ނަން ބަދަލުކޮށް އެ ތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.

މީގެ ކުރިން ކޮންސިއުލޭޓްއެއްގެ ގޮތުގައި ހިންގި އޮފީހުގެ އިހުތިސާސް ދަށްކޮށް، އެ ތަނުގެ ނަން "ޕަލަސްތީނިއަން އެފެއާޒް ޔުނިޓް" އަށް ބަދަލުކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. އެ ތަނުގެ މަސައްކަތްތައް ކުރިން އަމާޒުކޮށްފައި ވަނީ ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ޤާއިމު ކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ރައީސް ބައިޑްންގެ ދަތުރުފުޅާ ގުޅުވާ އެ އޮފީހުގެ ނަން މިހާރު މި ވަނީ "ޔޫ.އެސް. އޮފީސް އޮފް ޕަލަސްތީނިއަން އެފެއާޒް" އަށް ބަދަލުކޮށް، އެ ތަނަކީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ސީދާ ބެލުމުގެ ދަށުން ހިންގާ ތަނަކަށް ހަދާފައެވެ. މިއީ، ފަލަސްތީނާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ކޮންމެ ވެސް ވަރެއްގެ ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމުގެ ނިޝާނެކެވެ.

ޤުދުސްގައި ކުރިން ހުރި އެމެރިކާގެ ކޮންސިއުލޭޓް ބަންދުކޮށް، އިސްރާޢީލުގައި ހުންނަ އެމެރިކާގެ އެމްބަސީގެ ބަޔެއްގެ ގޮތުގައި އެ ތަން ކަނޑައެޅުން ވެގެން ދިޔައީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެގެން ދިޔަ އަމަލަކަށެވެ. ނަމަވެސް، އެ ތަނަށް ގެނައި އައު ބަދަލާ އެކު، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް ޓްރަމްޕްގެ ސަރުކާރުން ބަންދު ކުރި ކޮންސިއުލޭޓް އަލުން ހުޅުވާނެ ކަން ރައީސް ބައިޑްންގެ ސަރުކާރުން ވަނީ އިޢުލާނު ކޮށްފައެވެ. ނަމަވެސް، އިސްރާޢީލުން ވަނީ އެ ކަން ހުއްޓުވާނެ ކަމަށް ބުނެފައެވެ.