ވިޔަފާރި

މިދިޔަ މޭއިމަހު މީރާއަށް 1.28 ބިލިއަން ރުފިޔާގެ އާމްދަނީއެއް


މިދިޔަ މޭއިމަހު އާމްދަނީގެ ގޮތުގައި 1.28 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއިން ހާމަކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މޭއިމަހު މީރާއަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މޭއިމަހު މީރާއަށް ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު 63 އިންސައްތަ އިތުރު އަދަދެކެވެ. މީގެއިތުރުން މިދިޔަ މަހު ބަލައިގަތް އާމްދަނީއަކީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މޭއި 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މޭއި 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއަރޕޯޓް ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި މިއީ ޖީޖީއެސްޓީއާއި ނޮން ރެޒިޑެންޓް ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމާއެކު ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެއްކަމަށްވެސް މީރާއިން ބުނެއެވެ.

މޭއި 2022ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 64.7 އިންސައްތަ ނުވަތަ 829.4 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 8.3 އިންސައްތަ ނުވަތަ 105.8 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 96.5 މިލިއަން ރުފިޔާ (%7.5)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.6 މިލިއަން ރުފިޔާ (%4.7) އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 59.8 މިލިއަން ރުފިޔާ (%4.7) ލިބިފައިވެއެވެ. ބާކީ އެހެނިހެން ޓެކުހާއި ފީ އާމްދަނީގެ 10.1 އިންސައްތް ހިއްސާކުރާ ކަމަށް މީރާއިން ބުނެއެވެ.

މޭއި 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 53.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށްވެސް މީރާއިން ބުނެއެވެ.