ދުނިޔެ

ފޮރިން އިންވެސްމަންޓް އިތުރުކުރުމަށް ސަޢޫދީން އަމާޒުކުރަނީ


ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ސައުދީގެ ވިޔަފާރީގެ ދާއިރާތަކަށް ބޭރުގެ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައް ދެގައުނަށް އިތުރުކުރުމަށް ސައުދީން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ އިންވެސްޓްމަންޓާ ބެހޭ އިދާރާގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މަޤްސަދުގައި ސައުދީއިން އެކުލަވާލާފައިވާ ޕްލޭން އިއުލާނުކުރައްވަމުން އިންވެސްޓްމަންޓާ ބެހޭ އިދާރާގެ އިސްވެރިޔާ ޢަބްދުލް އާތިފް އަލް އުޘްމާން ވިދާޅުވީ، އިޤްތިސާދުގެ އާ ދާއިރާތަކަށް ފޮރިން އިންވެސްޓްމަންޓްތައް ހޯދުމަށް ސައުދީން މަސައްކަތް ކުރާނެ ކަމަށެވެ.މި ގޮތުން، އެގައުމުތަކުގެ ޤުދުރަތީ މައިންތަކުގެ މަސައްކަތް ފުޅާކޮށް، ސިއްޙީ ދާއިރާއާ ދަތުރުފަތުރުގެ ވަސީލަތްތައް ވެސް ތަރައްޤީކުރުމަށް ބޭރުގެ ފަރާތްތަކަށް ފުރުސަތުތައް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.މީގެ އިތުރުން، ސަޢޫދީގެ އެތެރޭގެ ވިޔަފާރިތަކުގައި ވާދަވެރިކަން އިތުރުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ވޮކޭޝަނަލް ޓްރެއިނިންގްގެ ކޯސްތައް ހިންގުމަށް ރާވަމުންދާ ކަމަށް ވެސް އިންވެސްޓްމަންޓް އިދާރާގެ އިސްވެރިޔާ ވިދާޅުވިއެވެ.ސަޢޫދީގެ އިންވެސްޓްމަންޓް ޕްލޭނަށް ބަދަލު ގެނެސްފައި މިވަނީ އެގައުމުގެ އިޤްތިސާދުގެ މައި ތަނބު ކަމަށްވާ ތެލުގެ ސިނާޢަތް ހީނަރުވަމުންދާ ދަނޑިވަޅެއްގައެވެ.