ޚަބަރު

މޮޅަދޫ އަންހެނުންގެ ކޮމެޓީގެ މެޖޯރިޓީ އެމްޑީޕީއަށް


ހއ.މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެޖޯރިޓީ މެމްބަރުން މޯލްޑިވިއަން ޑިމޮކޮރެޓިކް ޕާޓީ ( އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ.

މޮޅުދޫ އަންހެނުންގެ ކޮމެޓީއަށް ހޮވުނު 5 މެމްބަރުންނަކީވެސް އަމިއްލަ ގޮތުން ވާދަކުރި މެމްބަރުންނެވެ. މީގެތެރެއިން 4 މެމްބަރަކު ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. މި މެމްބަރުން ސޮއިކުރުމަށްފަހު އާއްމުކުރި ފޮޓޯތަކުގައި އެ ދައިރާގެ މެމްބަރު މުހައްމަދު ޝާފިއު ހުންނެވިއެވެ.

މޮޅަދޫގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 5 މަޤާމަށް 7 މީހަކު ކުރިމަތިލިއެވެ. މި އެންމެންވެސް އިންތިޚާބުގައި ވާދަކޮށްފައިވަނީ އަމިއްލަ މެމްބަރުންގެ ގޮތުގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން އެންމެ މެމްބަރުން ގިނައީ އެމްޑީޕީގައެވެ. އިލެކްޝަންސް ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 54782 އެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގައެވެ. އެޕާޓީގެ މެމްބަރުންގެ އަދަދަކީ 34368 އެވެ.

ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުމުގެ މައްސަލަ ބޮޑުވުމުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޕާޓީތަކަށް ވައްދަން ފޯމް ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން އަންނަނީ މިހާރު އެ ފޯމްތައް އާއްމުކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ކޮމިޝަނުން މިހާތަނަށް ބެލިބެލުމުން އޮޅުވާލައިގެން އެންމެ ގިނަ މީހުން ވައްދާފައިވަނީ ޕީޕީއެމަށް ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ސައްޙަނޫން ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން ދިހަ ހާސް ރުފިޔާއިން ޖޫރިމާނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.