ޚަބަރު

މޭ ހައެއްގެ ހަމަލާ: ދައުލަތުގެ ބައެއް ހެކިތައް ސިއްރު، ދިފާއީ ބައެއް ހެކި ބަލައިނުގަތް


ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލާގައި ދައުލަތުން ހުށައެޅި ބައެއް ހެކިތައް ސިއްރުކުރުމަށް ކްރިމިނަލްކޯޓުން ނިންމަވައިފިއެވެ. މިިދިޔަ އަހަރުގެ މޭމަހުގެ 6 ވަނަދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން 10 މީހެއްގެ މައްޗަށް ދައުލަތުން އަންނަނީ ދައުވާކުރަމުންނެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ އިތުރުން މުހައްމަދު ތަސްލީމާއި، އަބްދުﷲ އަލި މަނިކުގެ މައްޗަށެވެ. މީގެއިތުރުން މި މައްސަލާގައި އަހްމަދު އަދުހަމުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ އޭނާ 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ވަނީ މީގެކުރިން ހުކުމްކޮށްފައެވެ. މި އަދުހަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ރިމޯތް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ.

މި މައްސަލާގައި މިއަދު އޮތީ ދެ ފަރާތުން ހުށައެޅި ހެކިތަކާއި މެދު ކޯޓުން ގޮތެއް ނިންމުމެވެ. މި މައްސަލާގައި ދައުލަތުންނާއި ދިފާއުން ވަނީ ގިނަ ހެކިތަކެއް ހުށައަޅާފައެވެ. ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭހައި ބޮން ގޮއްވާލި ސަރަހައްދު އޮތް ގޮތް ސާބިތުކޮށްދިނުމަށާއި ދައުވާކުރާ މީހުން އެކަކު އަނެކަކު ދަނެ ބައްދަލުވެ އުޅޭކަން ސާބިތުކޮށް އެކަމުގައި ބައިވެރިވިކަން ސާބިތުކޮށްދިނުމަށްވެސް ދައުލަތުން ވަނީ ހެކި ހުށައަޅާފައެވެ.

ހެކިންގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ބުނެ ދައުލަތުން ވަނީ ސިއްރުން ހެކިބަސް ނަގާދިނުމަށް އެދިފައެވެ. އަޑު ބަދަލުކޮށް ސިއްރުން ހެކިބަސް ނެގޭނެ ޤާނުނީ ހަމައެއް ނެތްކަމަށް ބުނެ ދައުވާ ލިބޭ ފަރާތްތަކުން ވަނީ ދައުލަތުގެ އެދުމަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ކޯޓުން ނިންމެވީ ދައުލަތުން އެދުނު ހެކިތައް ސިއްރުކޮށް، އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށެވެ.

ދައުވާ ލިބޭ ބައެއް މީހުންވަނީ އެމީހުން ކުށުގެ ވެށީގައި ނެތްކަމުގެ ދިފާއު ސާބިތުކުރަން ބައެއް ހެކި ހުށައަޅާފައެވެ. މީގެތެރެއިން ފަހުމީއާއި ނާޒިމާއި އިޝްހާގާއި ހައިޝަމްގެ ފަރާތުން ހުށައެޅި ބަލައިނުގަތުމަށް ދައުލަތުން ވާނީ އެދިފައެވެ. ސަބަބެއްކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވީ ތަހުގީގުގެ މަރުހަލާގައި އެ ހެކިންގެ ވާހަކަތައް ފާހަގަކޮށްފައި ނުވާތީކަމަށެވެ.

މި ހުށައެޅުމާއި ގުޅިގެން ކޯޓުން ނިންމެވީ ހައިޝަމް ފިޔަވާ ދެން ތިބި މީހުން ހުށައެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށެވެ. އެހެންނަމަވެސް ނާޒިމްގެ ފަރާތުން ހުށައެޅި އެއް ހެއްކެއްގެ ވާހަކަ ތަހިގީގުގެ މަރުހަލާގައި ފާހަގަކޮށްފައިވާތީ އެ ހެކި ބަލައިގަތުމަށް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލާއިގެ އަޑުއެހުންތައް އަންނަ ހަފްތާގައި ފަށާނެއެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި އިސްކޮށް އުޅުނު މުހައްމަދު ތަސްލީމާއި، އަބްދުﷲ އަލި މަނިކުގެ ޝަރީއަތް އަންނަ ސެޕްޓެމްބަރަށް ނިންމާލުމަށް އެމައްސަލަ ބައްލަވާ ގާޒީ ވަނީ ތާވަލުކޮށްފައެވެ. އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްސަލަތައް އުޅެނީ ކޯޓު މަރުހަލާގެ ކުރީކޮޅުގައެވެ.