"ތުއްތު ދަރިފުޅު" ނަމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ފޮތެއް ނެރެފިއެވެ.
މިފޮތް ތައްޔާރުކޮށްފައިވަނީ ޑރ. އަބްދުﷲ ނިޔާފްގެ އެހީތެރިކަމާއި އެކުގައެވެ.
އެސްޓީއޯއިން ނެރުނު "ތުއްތު ދަރިފުޅު" ފޮތަކީ ކުޑަ ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާއި ގުޅިގެން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު އެކުލެވޭ ޚާއްސަ ފޮތެކެވެ. އަދި މިފޮތަކީ އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ.
ޑރ. އަބްދުއްﷲ ނިޔާފްގެ އެހީތެރިކަމާއި އެކު ތައްޔާރުކޮށްފައިވާ މިފޮތުގައި އަލަށް އުފަންވާ ދަރިފުޅުގެ އާއިލާއިން އާއްމުކޮށް ކުރާ ސުވާލުތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެ ކަމަށް ލަފާ ކުރެވޭ ވަރަށް ގިނަ ސުވާލާއި މި ސުވާލުތަކުގެ ޖަވާބު ހިމެނެއެވެ.
މިރަސްމިއްޔާތުގައި މީޑިއާތަކާއި ވާހަކަ ދައްކަަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އެކުންފުނީގެ ފަރާތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދެމުންދާއިރު ތަފާތު އެކި ކަންތައްތައް ފާހަގަވާ ކަމަށެވެ. އެހުރިހާ ކަންކަމަކަށް ބެލުމަށްފަހު މިފަދަ ފޮތެއް އުފެދިގެން ދިޔުމަކީ އެއީ އާއިލާތަކަށް ލިބިގެންދާ ބޮޑު ފަސޭހައެއްކަމަށް އަމްރު ފާހަގަކުރެއްވިއެވެ.
"އެއީ ކޮންމެ ކަމެއް ވާއިރަށް ހޮސްޕިޓަލަށް އައުމަކީވެސް ފަސޭހަކަމެއް ނޫން. ޑޮކްޓަރުންނަށްވެސް އޯވާލޯޑްވޭ ކުދިކުދި ކަންތައްތަކާ އެޕޮއިންޓްމަންޓް ހައްދާތީ. އެހެންވީމަ މިފޮތުގެ ސަބަބުން ދެފަރާތަށްވެސް ފަސޭހަވެގެން ދާނެ. ބެލެނިވެރިންނަށްވެސް އަދި ޑޮކްޓަރުންނަށްވެސް" އަމްރު ވިދާޅުވިއެވެ.
“Thuhthu darifulhu” (baby) is a handbook (in Dhivehi) for parents; covering common events, issues, remedies, when to seek help….etc. related to newborn baby.
— Abdulla Niyaf (@niyaf) June 9, 2022
Thank you @stoplc for including this in the newborn pack distributed for every baby born in the country. pic.twitter.com/I9vWcve4Tf
ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ މި ފޮތުގައި ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން މިފޮތުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.
އޭގެ ތެރޭގައި ދަރިފުޅަށް ގާތުން ދިނުމާއި ބެހޭގޮތުން އެނގެންޖެހޭ މުހިންމު މައުލޫމާތުތައް އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތަބީއީ ބަދަލުތަކުގެ ތަފްސީލް ހިމެނެއެވެ. އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާ ކުރާނެ ކަންތައްތަކާއި އަދި މި ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތްވެސް މިފޮތުގައި ހިމަނާފައިވެއެވެ.
ތުއްތު ދަރިފުޅުގެ ސިއްހަތާ ދުޅަހެޔޮކަމަކީ މަންމަގެ ދުޅަހެޔޮކަމާއި ގުޅި ލާމެހިފައިވާ ކަމެކެވެ. އެގޮތުން މައިމީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންކަންވެސް މި ފޮތުގައި ހިމަނާފައިވެއެވެ.
"ތުއްތު ދަރިފުޅު" ގެ ނަމުގައި އެސްޓީއޯއިން ނެރެފައިވާ ފޮތުގެ އެހީގައި ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގައި ލިބެންޖެހޭ އެންމެ ފުރިހަމަ އަޅާލުން ދިނުމަށް އެކަށީގެންވާ މައުލޫމާތު އާއިލާތަކަށް ލިބިގެންދާނެކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެސްޓީއޯއިން އަލަށް އުފަންވާ ކުދިންނަށް ދެވޭ ހަދިޔާގެ ތެރޭގައި "ތުއްތު ދަރިފުޅު" މި ފޮތް ހިމެނޭނެކަމަށް އެ ކުންފުނިން ބުނެއެވެ.