ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ދެބޭފުޅަކު ކުރިމަތިލައްވައިފި


ހައިކޯޓުގެ ހުސްވެފައިވާ 2 ފަނޑިޔާރުންގެ މަޤާމުގެ ތެރެއިން ކުރިމަތިލާން ހުޅުވާލި މަޤާމަށް ދެ ބޭފުޅަކު ކުރިމަތިލާފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަނުން އިއުލާން ކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މިމަޤާމަށް ކުރިމަތިލުމުމަށް މިދިޔަ މަހު 26 ވަނަ ދުވަހު ހުޅުވާލުމުން މުއްދަތު ހަމަވިއިރު ކުރިމަތި ލާފައިވަނީ 2 ބޭފުޅެކެވެ.

ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:
1. ޙުޒައިފާ މުޙައްމަދު، ހ.ސޭންޑީބީޗް، މާލެ
2. ޝުކުރުﷲ ޝަކީލް، ސިޔާމާމަންޒިލް، އއ.ފެރިދޫ

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތަކީ ޝަރުއީ ނުވަތަ ޤާނޫނީ ދާއިރާއިން ޑިގްރީ އެއް އޮތުމާއިއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ 36،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސުގެ ގޮތުގައި 3،300 ރުފިޔާވެސް ލިބެއެވެ. މީގެ އިތުރުން މެޑިކަލް އެލަވަންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ފަނޑިޔާރު ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާއި ހަވާލުވެ ވަޑައިގެންފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ސަމީރު އިސްތިއުފާ ދެއްވާފައިވާއިރު ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުގެ މަޤާމުން ވަނީ ވަކިކޮށްފައެވެ. އެމަޤާމުވެސް މިހާރު ވަނީ ހުސްވެފައެވެ.