ޚަބަރު

ވަކީލުކަމުގެ ހުއްދަ ބާޠިލުވާ އިސްލާޙަށް މައުމޫން ޙަމީދުގެ ފާޑުކިއުން


ފަޑިޔާރުކަމުން ވަކިކުރާ ބޭފުޅުންގެ ވަކީލުކަމުގެ ހުއްދަ ބާޠިލުވާގޮތައް ހުށައަޅާފައިވާ އިސްލާހަށް ބާކައުންސިލްގެ ރައީސް އަލްއުސްތާޛު މައުމޫނު ޙަމީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިއްޔެ މައުމޫނުކުރެއްވި ޓުވިޓެއްގައިވަނީ މިއިސްލާހު ފާސްވެއްޖެނަމަ ބާކައުންސިލާއި ޝަރުޢީދާއިރާގެ މިނިވަންކަމަށް އަސަރުކުރާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މި އިސްލާޙްގެ ސަބަބުން ވަކީލުން މިނެކިރައި ގިންތިކުރުމަށް ބާކައުންސިލަށް ލިބފައިއޮތް ބާރަށް އަސަރުކުރާނެކަން ފާހަގަކުރައްވަމުން މައުމޫނުވަނީ މިއީ ބާކައުންސިލަށް ސިޔާސީ ނުފޫޒު ވަނުމަށް ހުޅުވޭ ޖާގައެއްކަމަށެވެ.

މީގެ އިތުރުން މި އިސްލާހުގެ ސަބަބުން ފަޑިޔާރުކަމާއި ހަވާލުވާން މީހުން ޖެހިލުންވެ އެކަމުގެ ގެއްލުން ޝަރުއީދާއިރާއަށް ލިބޭނެކަމަށްވެސް މައުމޫނުގެ ޓްވިޓުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މި ބިލް ޤާނޫނަކަށް ވިޔަސް މިއީ އިންސާފުވެރި ޤާނޫނަކަށް ނުވާނެކަމަށްވެސް މައުމޫން ޙަމީދު ވިދާޅުވިއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހުށައެޅުއްވި އިސްލާހުގައިވާގޮތުން ފަޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފނަމަ، އެބޭފުޅެއްގެ ވަކީލުކަމުގެ ހުއްދަ ވަގުތުން ބާތިލުވާނެއެވެ.

އަދި ބޮޑެތި މައްސަލަތަކުގައި ފަޑިޔާރުކަމުން ވަކިކުރާ ބޭފުޅުންނަށް ދެން ވަކާލާތު ކުރުމުގެ ހުއްދަ ނުލިބޭއިރު އާދައިގެ ކަންކަމުގައި މަޤާމުންވަކިކުރަން ނިންމާ ފަޑިޔާރުންނަށް ވަކީލުކަމުގެ ހުއްދަ ލިބޭނީ ވަކކުރިތާ ފަސް އަހަރުވުމަށްފަހުގައިކަން ބިލުގައިވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް މި ހުއްދަ އަލުން ލިބޭނީވެސް އެކަމަށް އެދި ހުށައެޅުމުންނެވެ.