ކުޅިވަރު

އަޔަލަންޑް އަތުން ޔޫކްރެއިނަށް މޮޅެއް


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން ބީ ގްރޫޕް އެކެއްގައި ރިޕަބްލިކް އޮފް އަޔަލަންޑް އަތުން ޔޫކްރެއިން މޮޅުވެއްޖެއެވެ.

އަޔަލަންޑްގައި ކުޅުނު މި މެޗް ޔޫކްރެއިނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫކްރެއިންއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިމެޗްގައި ޔޫކްރެއިން އިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ކުޅުންފެށިތާ ދެވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުލެން އެރި ވިކްޓަރ ސިގަންކޯފްއެވެ. މިލަނޑާއެކު ޔޫކްރެއިން އިން މިވަނީ ނޭޝަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފައެވެ.

މިކާމިޔާބީއާއެކު މިގްރޫޕްގައި ޔޫކްރެއިން މިހާރު އުޅެނީ ލަނޑުގެ ތަފާތުން ތާވަލްގެ ދެވަނައިގައެވެ. އަދި އެއްވަނައިގާ އުޮތީ އާމީނިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ސްކޮޓްލަންޑެވެ. މީގެ އިތުރުން އަޔަލަންޑް އުޅެނީ ކުޅުނު ދެ މެޗުންވެސް ބަލިވެ ގްރޫޕްގެ ފުލުގައެވެ. އަދި މިނާކާމިޔާބީއާއެކު އަޔަލަންޑް މިވަނީ ނޭޝަންސް ލީގުގައި އެ ޓީމް އެންމެފަހުން ކުޅުނު 12 މެޗުންވެސް ބަލިވެފައެވެ.