ކުޅިވަރު

ފަހު ވަގުތު ވޭލްސް ބަލިކޮށް ނެދަލެންޑްސް އެއްވަނައަށް


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ހަތަރެއްގައި ވޭލްސް ބަލިކޮށް ތާވަލުގެ އެއްވަނައަށް ނެދަލަންޑްސް ޖެހިލައިފިއެވެ.

ވޭލްސްގައި ކުޅުމު މި މެޗް ނެދަލްންޑްސްއިން ކާމިޔާބުކުރީ އެންމެ ފަހު ވަގުތު ޖެހި ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެދަލަންޑްސްއިން ގިނަ އިރު ބޯޅަ ގެންގުޅޭފައިވާއިރު ދެޓީމުންވެސް ހަމަލާ އުފައްދާފައިވަނީ ދާދި ހަމަހަމަކޮށެވެ.

މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ގިނަ ބަދަލުތަކެއް ޓީމަށް ގެނެސްފައިވާކަން ފާހަގަ ވެގެންދިޔައެވެ. މިގޮތުން މިދިޔަ އާދީއްތަ ދުވަހު ވޯލްޑް ކަޕުން ޖާގަހޯދި ވޭލްސް ޓީމްގެ މުހިންމު ތިން ކުޅުންތެރިއަކު ޓީމްގައި ހިމަނާފައި ނުވާއިރު ކެޕްޓަން ގެރެތު ބޭލްވެސް ކުޅެން އަރުވާފައިވަނީ މެޗްގެ ފަހު ހާފްގައެވެ. އަދި ނެދަލަންދްސްއަށް ބަލާލާއިރު ބެލްޖިއަމް އާއި ކުޅެ 4 ލަނޑު އެއްލަނޑުން މޮޅުވި ޓީމަށް 10 ބަދަލު އެޓީމުން ގެނެސްފައިވެއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ލީޑު ނެގީ ނެދަލަންޑްސްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޓެއުން ކޫޕްމެއިނަރއެވެ. އަދި މިނަތީޖާގައި އޮވެގެން މެޗް ނިމެން ދަނިކޮށް މެޗްގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ވޭލްސްއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ރީސް ނޮރިންޓަން ޑޭވިސްއެވެ. މިލަނޑާއެކު މިމެޗުން ވޭލްސްއަށް ޕޮއިންޓެއް ލިބޭނެކަމަށް ހީކުރެވުނު ނަމަވެސް ނެދަަލަންޑްސްގެ ވޫޓް ވެގްހޯސްޓްވަނީ މެޗްގެ އިތުރު ވަގުތުގެ 4 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މިމެޗުން ނެދަލަންޑްސް މޮޅުކޮށްދީފައެވެ.

މިކާމިޔާބީއާއެކު ނެދަލްނަޑްސްއަށް މިހާރުވަނީ ގްރޫޕް އޭފޯގެ އެއްވަނަ މަގާމް ލިބިފައެވެ. އެއީ މިހާތަނަށް ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށްގެންނެވެ. އަދި ވޭލްސް އުޅެނީ ކުޅުނު ދެ މެޗުންވެސް ބަލިވެ ގްރޫޕްގެ އެންމެ ފުލުގައެވެ.