ދުނިޔެ

ލަންކާއިން އަނެއްކާވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމުގެ ބިރު

މަސައްކަތްތެރިންގެ ޔޫނިއަންއަކުން އިހުތިޖާޖަށް ދިޔުމާ ގުޅިގެން ސްރީލަންކާގެ ބޮޑު ސަރަޙައްދަކުން އަނެއްކާ ވެސް ކަރަންޓުގެ ޚިދުމަތްތައް މެދުކެނޑިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. އިހުތިޖާޖު ކުރާނެ ކަމަށް ނިންމައި، އެ ކަން އިޢުލާނުކޮށްފައި ވަނީ ކަރަންޓުގެ ޚިދުމަތްދޭ މަސައްކަތްތެރިންގެ ޔޫނިއަންއަކުންނެވެ. މި ޔޫނިއަން ނިސްބަތް ވަނީ، ސްރީލަންކާގެ ސަރުކާރު ހިއްސާވާ ކުންފުނި ކަމުގައިވާ ސިލޯން އިލެކްޓްރިސިޓީ ބޯޑް (ސީ.އީ.ބީ) ގެ މަސައްކަތްތެރިންގެ މައްޗަށެވެ.

އެ ފަރާތުން އިހުޖާޖު ކުރުމަށް ނިންމާފައި ވަނީ ކަރަންޓުގެ ޚިދުމަތާ ގުޅޭ ޤާނޫނަކަށް އިޞްލާހު ގެންނަން އެ ޤައުމުގެ ސަރުކާރުން މަސައްކަތް ފެށުމުންނެވެ. ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ސަރުކާރުން ބޭނުން ވަނީ ކަރަންޓުގެ ޚިދުމަތް ދިނުމުގެ އައު މަޝްރޫޢުތައް ބިޑަށް ހުޅުވައިލުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނާށެވެ. އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން ބޭނުން ވަނީ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އިތުރުކޮށް، އެ ފަދަ މަޝްރޫޢުތަކަށް ހިންގުމަށް އޮތް ދަތިތައް މަދު ކުރާށެވެ.

ސީ.އީ.ބީ. ޔޫނިއަންގެ މެންބަރުން އިހުޖާޖު ކުރަން ނިންމުމާ ގުޅިގެން ރައީސް ރާޖަޕަކްސަ ކުއްލި ގޮތަކަށް ވަނީ ޤަރާރެއް ނެރުއްވައި، ކަރަންޓުގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި، އިންޖިނިއަރުންނަށް ވަޒީފާއަށް ނިކުތުމަށް އަމުރު ކުރައްވާފައެވެ. ސީ.އީ.ބީ. ޔޫނިއަންގެ އިހުތިޖާޖުގައި އެއް ހާހަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. މީގެ ތެރެއިން 900 އެއްހާ މީހުންނަކީ އިންޖިނޭރުންނެވެ.