ޚަބަރު

ކުޅިވަރުގެ ދާއިރާއަށް ވަޢުދުވެވަޑައިގަތް ވަރަށްވުރެ ރަނގަޅަށް މަސައްކަތްކުރެވިއްޖެ: މަޚްލޫފް


ރައީސް އިބުރާހިމް މުޙައްމަދު ޞާލިހު ކުޅިވަރުގެ ދާއިރާއިން ވައުދުވެވަޑައިގަތް ވަރަށްވުރެ މާ ރަނގަޅަށް މަސައްކަތް ކުރެވިއްޖެކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙުމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.

މަޚްލޫފު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ވަޒީރާއި ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ކަޑިތީމުދާއިރާގެ މެމްބަރު ސުވާލުކުރެއްވީ މި ދައުރު ނިމޭއިރު ރައީސްގެ ވަޢުދުތައްފުއްދޭނެތޯއެވެ.

ޖަވާބުގައި މަޚުލޫފު ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށާއި ޒުވާނުންނަށް ހީނުކުރާހާވަރުގެ ބަދަލެއް އައިސްފައިވާކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ކުޅިވަރު ދާއިރާގެ ގިނަމަސައްކަތްތަކެއް ހިނގަމުންދާކަން ފާހަގަކުރައްވަމުން މަޚްލޫފު ވިދާޅުވީ ދެން އެންމެ އަވަހަށްކުރިޔަށް ގެންދަން އަމާޒުހިފާފައިވަނީ ފ.ފީއަލީގައި އިންޑޯ ވޮލީގެ މަސައްކަތްކުރުންކަމަށެވެ. އެގޮތުން މިމަސައްކަތްކުރުމަށް އަންނަ ހަފްތާގައި އިޢުލާނުކުރާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރިޔަށްއޮތްތަނުގައިވެސް ޤައުމުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން ބަދަލުތައް ގެނެވޭތޯ މަސައްކަތް ކުރާކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި ބައެއް މަސައްކަތްތައް އެކި ސަބަބުތަކާއި ހެދިގެން ލަސްވަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެފްއޭއެމް ސިޔާސީ ނުފޫޒުން އެއްކިބާކުރުމާއި ކުޅިވަރުގައި އަންހެނުންގެ ދައުރު ބޮޑުކުރުމުގެ އިތުރުން ކޮންމެ ރަށެއްގައި ފުޓްބޯޅަ ސްޓޭޑިއަމްތަކާއި އިންޑޯ ސްޕޯޓްސް ސްޓޭޑިއަމްތައް އެޅުމަކީ މިސަރުކާރުގެ ކުޅިވަރުގެ ދާއިރާގެ ވަޢުދުތަކެވެ. ރައީސްގެ ވައުދުފުޅުތަކާއި އެއްގޮތައް ގިނަރަށްރަށުގައި ފުޓްސެލްދަޑުތައް ތަރައްޤީކޮށް ނިމިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40 ފުޓުބޯޅަ ދަނޑު އަޅާފައިވާކަން މީގެކުރިން މިނިސްޓަރުވަނީ ހާމަކުރައްވާފައެވެ. އަދި މިހާރުވެސް އިތުރު 50 ދަނޑެއްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަދި އަމާޒަކީ މީގެތެރެއިން 30 ދަނޑެއްގެ މަސައްކަތް މިއަހަރު ނިންމާލުން ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.