ކުޅިވަރު

ޔޫއޭއީ ބަލިކޮށް އޮސްޓްރޭލިއާ ޕްލޭއޮފް ފައިނަލަށް


ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ސަރަހައްދުގެ ޕްލޭއޮފްގައި ޔޫއޭއީ ބަލިކޮށް، އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގައި ޕެރޫއާ ބައްދަލުކުރާ ޓީމަކަށް އޮސްޓްރޭލިއާ ހަމަޖެހިއްޖެއެވެ.

އޭޝިއާ ސަރަހައްދުގެ ޕްލޭއޮފްގައި ޔޫއޭއީއާ ދެކޮޅަށް ކުޅުނު މެޗު އޮސްޓްރޭލިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހައި، ލީޑު ނެގީ އޮސްޓްރޭލިއާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެކްސަން އަރވިންއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން ޔޫއޭއީއަށް ކުޅޭ ބްރެޒިލްއަށް އުފަން ކައިއޯ ކަނޭޑޯ ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މިމެޗުން އޮސްޓްރޭލިއާ މޮޅުވި ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދީފައިވަނީ އައިޑިން ރުސްޓިކްއެވެ.

މިކާމިޔާބީއާއެކު އޮސްޓްރޭލިއާ މިވަނީ އިންޓަރކޮންޓިނެންޓަލް ޕްލޭ އޮފް އިން ޖާގަ ލިބިފައެވެ. މިމެޗްގައި އޮސްޓްރޭލިއާ ބައްދަލުކުރާނީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގ އިން ފަސްވަނައަށް ދިޔަ ޕޭރޫ އާއެވެ. އަދި ފީފާ ވޯލްޑް ކަޕްގެ ފަހު ޖާގަ ކަށަވަރު ވެގެންދާނީ ކޮސްޓަރީކާ އާއި ނިއުޒީލަންޑްގެ މެދުގައި ކުޅޭ ޕްލޭއޮފް މެޗަށްފަހުއެވެ.