ކުޅިވަރު

ހަންގޭރީ ބަލިކޮށް އިޓަލީ އެއްވަނައަށް


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ތިނެއްގައި ހަންގޭރީ ބަލިކޮށް ތާވަލުގެ އެއްވަނައަށް އިޓަލީ ޖެހިލައިފިއެވެ.

އިޓަލީގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާއުފައްދާފައިވަނީވެސް އިޓަލީންނެވެ. އަދި މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީވެސް އިޓަލީއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ނިކޮލާ ބަރެއްލާއެވެ. އަދި ދެވަނަ ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޖަހާދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ. މިމެޗްގައި ހަންގޭރީއިން ޖެހި ހަމައެކަނި ލަނޑަކީ މެޗްގެ 61 ވަނަ މިނެޓްގައި އިޓަލީގެ ޖިއާންލޫކާ މަންޗީނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިކާމިޔާބީއާއެކު އިޓަލީ މިހާރު ވަނީ މިފަހަރުގެ ނޭޝަންސް ލީގުގައި ކުޅުނު ދެމެޗްގެ ތެރެއިން އެއްމެޗް ކާމިޔާބުކޮށް، އަދި އަނެއް އެއްވަރުކޮށް ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ދެވަނައިގާ ތިން ޕޮއިންޓާއެކު އޮތީ ހަންގޭރީއެވެ. ތިންވަނައިގައި ދެ ޕޮއިންޓާއެކު ޖަރުމަން އުޅޭއިރު، އެންމެ ފަހަތުގައި އެއް ޕޮއިންޓާއެކު އޮތީ އިންގްލެންޑެވެ. މިގްރޫޕްގައި ދެން ކުޅޭ މެޗްތަކުގައި ބައްދަލުކުރާނީ އިންގްލަންޑާއި އިޓަލީ އަދި ހަންގޭރީ އާއި ޖަރުމަނެވެ.