ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ތިނެއްގައި ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ޖަރުމަނުގައި ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޖަރުމަނު ޓީމް ގިނައިރު ބޯޅަ ގެންގުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޖަރުމަނުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޔޯނަސް ހޮފްމަންއެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް އިންގްލަންޑަށް މެޗްގެ ނަތިޖާ ހަމަހަމަކުރުމުގެ ފުރުސަތު ލިބިގެންދިޔައީ ޖަރުމަނު ޓީމްގެ ނީކޯ ޝްލޮޓާބެކް، އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭންއަށް އެޓީމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުންނެވެ.
މިޕެނަލްޓީ ކާމިޔާބުކޮށް މެޗްގެ ނަތިޖާ އިންގްލަންޑަށް ހަމަހަމަ ކޮށްދިނީވެސް ކޭންއެވެ. މިއީ އޭނާ އިންގްލަންޑް ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު އޭނާ މިވަނީ އިންގްލަންޑް ޓީމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް އަރާފައެވެ. އެއީ ސަރ ބޮބީ ޗާލްޓަން ފަހަތަށް ޖައްސާލުމަށްފަހުއެވެ. މިލިސްޓުގެ އެންމެ ކުރީގައި ކޭންއަށްވުރެ ތިން ލަނޑު އިތުރަށް ޖަހައިގެން އުޅެނީ ވޭން ރޫނީއެވެ.
މި މެޗް އެއްވަރު ވުމާއެކު އިންގްލަންޑަށް މިއީ މިފަހަރުގެ ނޭޝަންސް ލީގުގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ. އެއީ ފުރަތަމަ މެޗްގައި ހަންގޭރީ އަތުން ބަލިވެފައިވުމުންނެވެ. އަދި ޖަރުމަނުން ކުޅުނު ދެ މެޗްވެސް އެއްވަރު ވެފައިވުމާއެކު އެޓީމަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.